ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް ފަށައިފި އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖަރު ހުސެއިން އާސިފް "މިހާރު"އަށް ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ފަރުވާ ފެށީ އައިޖީއެމްއެޗްގެ އެހީގައި ނަރުހުން ތަމްރީނުކުރުމަށް ފަހު ކަމަށެވެ. އަދި އެ ހިދުމަތް ދޭނީ ހުޅުމާލެ ހޮސްޕިޓަލްގައި ހިންގާ އޮންކޮލޮޖީ ސެންޓަރާ ގުޅިގެން ކަމަށް އާސިފް ވިދާޅުވި އެވެ.

އުނގޫފާރުން އެއް ފަހަރާ ދެ މީހުންނަށް އައިވީ ކީމޯތެރަޕީ ދެވޭނެ އެވެ. މި ވަގުތު ދެ މީހުން އަންނަނީ ފަރުވާ ހޯދަމުންނެވެ.

ރާއްޖޭގައި ކެންސަރުގެ ގިނަ ބަލި މީހުން ތިބޭއިރު، ބައްޔަށް ހާއްސަ ފަރުވާތައް ހަމައެކަނި މާލޭ ސަރަހައްދުން ލިބުމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ. ފާއިތުވި 2-3 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭ އެކި ހިސާބުތަކުން ކީމޯތެރަޕީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ. 

އެގޮތަށް، މާލެ ސަރަހައްދު ބޭރުން ކީމޯތެރަޕީ އެންމެ ފުރަތަމަ ދޭން ފެށީ ޅ. އަތޮޅު ހޮސްޕިޓަލުންނެވެ. އެއީ ޑިސެމްބަރު 16، 2020 ގަ އެވެ.

އާސިފް ވިދާޅުވި ގޮތުގައި އުނގޫފާރުން އަހަރެއްގެ ތެރޭގައި ލައްކައެއްހާ މީހުން ފަރުވާ ހޯދާ ކަމަށެވެ. އަދި އާރުޓީއެލުން އަތޮޅުތައް ގުޅާލުމުން ފަރުވާ ހޯދާ މީހުން އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.