މިދިޔަ 48 ގަޑިއިރު ހުޅުމާލެއިން އެންމެ ގިނައިން ޓޯކުރީ ލައިސަންސް ނެތި ދުއްވި ވެހިކަލްތައް ކަމަށް ފުލުހުން ބުނެފި އެވެ.
މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާ ގޮތުން މިދިޔަ 48 ގަޑިއިރު ތެރޭގައި ހުޅުމާލޭން 14 ވެހިކަލް ޓޯކުރި އެވެ.
- 11 ވެހިކަލް ޓޯކޮށްފައިވަނީ ލައިސަންސް ނެތި ދުއްވައިގެން
- އެއް ވެހިކަލެއް ޓޯކޮށްފައިވަނީ ގަވާއިދާ ހިލާފަށް ޕާކް ކުރުމުން
- އެއް ވެހިކަލެއް ޓޯކޮށްފައިވަނީ ނުރައްކާތެރިކޮށް ދުއްވައިގެން
- އެކްސިޑެންޓުގެ މައްސަލައެއްގައި ވެސް އެއް ވެހިކަލް ޓޯކޮށްފައިވޭ
މި ދެ ދުވަހު 46 މީހަކު ޖޫރިމަނާކޮށްފައިވެ އެވެ. އެއީ ސައިކަލު ދުއްވި 32 މީހަކާއި ހަތަރު ފުރޮޅުލީ އުޅަނދު ދުއްވި 14 މީހެކެވެ.
މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ މައްސަލަ ބޮޑުވެ، ދޭތެރެއިން އުޅަނދުތައް ޓޯކުރެ އެވެ.
ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި މާލެ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ވެސް މިދިޔަ ޑިސެމްބަރު މަހު ފުލުހުން ކުރި އެވެ.