ބައެއް ދާއިރާތަކުގެ ކެންޑިޑޭޓުންނަށް ގުޅައި ބޮޑެތި ހުށަހެޅުންތައް ހުށަހަޅައިގެން ނަން ނެގުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށާއި އެކަން ކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ތިބީޖާގަ ދީގެން ކަމަށް އެމްޑީޕީން މިއަދު ތުހުމަތުކޮށްފި އެވެ.
އިދިކޮޅު ޕާޓީން ބޭއްވި ނިއުސް ކޮންފަރެންސްގައި، އަންނަ އޭޕްރީލް މަހު ބާއްވާ އިންތިހާބަށް އިދިކޮޅު ޕާޓީން ކަނޑައަޅާފައިވާ ތަރުޖަމާނު، ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ މިހާތަނަށް ވެސް އިންތިހާބުގެ ޓައިމްލައިނެއް ހާމަކޮށްފައިނުވާތީ ކެންޑިޑޭޓުންގެ ނަން ގެންދެވޭނެ ފަހު ތާރީހެއް ނޭނގޭ ކަމަށެވެ.
އެއީ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވަން ދޭ ޖާގައެއް ކަމަށާއި އަދި ބައެއް ކެންޑިޑޭޓުންނަށް ގުޅައި، ނަން ނެގުމަށް ބޮޑެތި ހުށަހެޅުންތަކާ އެކު އެދެމުންދާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
އޭނާ ތުހުމަތުކުރެއްވި ގޮތުގައި އީސީން ހާމަނުކުރާ މައުލޫމާތު، ވެރިކަންކުރާ ޕީއެންސީން ހިއްސާކުރަމުންދެ އެވެ. އީސީގެ ޑޭޓާ ޕީއެންސީއަށް ލިބިފައިވާކަމަށް އެމްޑީޕީން ކުރާ ތުހުމަތު މިއަދު ވެސް ތަކުރާރުކުރި އެވެ.
"ޓައިމްލައިން ހާމަނުކޮށް، މި ކުރިމަތިލާ ކެންޑިޑޭޓުންގެ ނަން ނެގޭނެ އެންމެ ފަހު ތާރީހަކީ ކޮބައިކަމެއް އަޅުގަނޑުމެންނަކަށް ވެސް ނޭނގޭ. ގުރުލުމާ ހަމައަށް އެކަން ކުރެވޭނެ ކަމަށް ފާހަގަކުރާއިރު، އެއީ ކޮން ދުވަހަކުން ކުރެވޭނެ ކަމެއް ކަމަށް ވެސް އިލެކްޝަނުން ނުބުނި،" ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފެނިގެންދަނީ މި މުއްދަތަކީ ސަރުކާރަށް، އެ ބޭފުޅުން ބޭނުންވާ ފަރާތްތަކެއް ނަން ނެގުމަށްޓަކައި ޖާގަ ދިނުމަށްޓަކައި ކުރާ ކަމެއްގެ ގޮތުގައި."
އެ އިންތިހާބަށް އެމްޑީޕީން ކުރިމަތިލީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށާއި އެކަމަކު ޕީއެންސީގެ ބޭނުމަކީ، ވަހީދު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ އަތުގައި އޮތް ބާރުތައް އަތުލާށެވެ.
ވެރިކަމާ އެކު މަޖިލީހުގެ މެޖޯރިޓީ ވެސް ދިނީ ޕީއެންސީއަށް ކަމަށާއި އެކަމަކު މިވީ މުއްދަތުގައި ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް ކަމަށް އެމްޑީޕީން ބުންޏެވެ.
އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި، އެކި ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރާ މީހުންނާ އެކު، ޖުމްލަ 2،994 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.