އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބަލަން ނަގަ ފެންނަ ނުފެންނަ ވޯޓަށް ރާއްޖެ އިން ބޭރުގައި ވޯޓުފޮށިތައް ނުބަހައްޓާތީ އިދިކޮޅު އެމްޑީޕީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

އެމްޑީޕީގެ ބޭއްވި މީޑިއާ ބްރީފިންއެއްގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެމްޑީޕީން ކަނޑައަޅާފައިވާ އިސް ތަރުޖަމާން އަބްދުﷲ ވަހީދު (ވައްޑެ) ތުހުމަތު ކުރެއްވި ގޮތުގައި، ގިނަ ބަޔަކަށް ވޯޓު ނުލެވޭނެ ގޮތަކަށް އަމަލު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފެށުނީއްސުރެ ދަނީ އަމަލު ކުރަމުންނެވެ. އެ ކަންބޮޑުވުން އެމްޑީޕީން އަބަދުވެސް ފާޅުކުރަމުން އައި ކަމަށް ވައްޑެ ވިދާޅުވި އެވެ. 

"އިލެކްޝަންސް ކޮމިޝަނުން އިއްޔެ އަޅުގަނޑަށް ފޮނުވި ޖަވާބުގައި ވެސް ވަނީ އެ ބޭފުޅުންނަށް ކަންކަން މިހާރު ނިމިފައި ވާތީ އިތުރަށް ފޮށި ބަހައްޓާނެ ޖާގަ މިހާރު ނެތް ކަމަށް،" ވައްޑެ ވިދާޅުވި އެވެ. 

"އެއީ އަޅުގަނޑުމެން ކަންބޮޑުވުން އިންތިހާ އަށް އޮތް ކަމެއް. ހާއްސަކޮށް ލޯކަލް ކައުންސިލް އިންތިހާބާ އެކުގައި ގައުމީ އިންތިހާބެއް އޮތް އިރުގައި ރާއްޖޭގެ ގިނަ ރައްޔިތުން ގޮތް ނިންމުމުގައި ބައިވެރިވާން ޖެހޭ އިންތިހާބަކަށް ވާއިރުގައި އެ އިންތިހާބުގައި ބައިވެރި ނުވެވޭނެ ގޮތަށް، ހާއްސަކޮށް ލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅުއްވާ ރައްޔިތުންނަށް ވޯޓު ނުލެވޭ ގޮތަށް ތަރުތީބުވެގެން ދިއުމަކީ އިންސާފުވެރިކަމާ އެކު ކުރިއަށް ދާނެކަން ނުފެންނަ ކަމުގެ ހެއްކެއް،" ވައްޑެ ވިދާޅުވި އެވެ. 

އޭނާ އެހެން ވިދާޅުވި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައި ވަނީ ރާއްޖެ އިން ބޭރުގައި މި ފަހަރު ވޯޓުފޮށި ނުބަހައްޓާނީ އެ ކޮމިޝަނުން ކަނޑައެޅި އަދަދަށް މީހުން ރަޖިސްޓަރީ ކޮށްފައި ނެތުމުން ކަމަށެވެ. 

އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ރާއްޖެ އިން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ އެ ގައުމަކަށް ވޯޓުލާން މަދުވެގެން 2،000 މީހުން ރަޖިސްޓަރީކޮށް، މަދުވެގެން އެއް ދާއިރާއަކުން 40 މީހުން ރަޖިސްޓްރީވެއްޖެ ނަމަ އެވެ. ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަނެއްގައި ވޯޓުފޮށި ބަހައްޓަން ނިންމީ މަދުވެގެން 30 މީހުން ރަޖިސްޓަރީވުމުންނެވެ. 

ނަމަވެސް އެ އަދަދާ ގާތްކުރާ ވަރަށް ވެސް ރާއްޖެ އިން ބޭރުން ދިވެހިން ރަޖިސްޓަރީއެއް ނުވި އެވެ. 

ރީ-ރަޖިސްޓްރީކުރުމުގެ މުއްދަތު ހަމަވިއިރު ފޯމު ހުށަހެޅީ 26،454 މީހުން ކަމަށް އިލެކްޝަނުން އޮތީ ބުނެފަ އެވެ. އެއީ؛

- ރަށްރަށާއި މާލޭގައި ވޯޓުލާން: 24،429 މީހުން

- ޖަލުތަކުގައި ވޯޓުލާން: 1،326 މީހުން

- ސިނާއީ ސަރަހައްދުގައި ވޯޓުލާން: 11 މީހުން

- މެލޭޝިއާގައި ވޯޓުލާން: 499 މީހުން

- ސްރީ ލަންކާ: 189 މީހުން

- ބޭރުގެ އެއްވެސް ގައުމަކުން ވޯޓުފޮށީގެ އަދަދު ހަމަވާ ވަރަށް ރީރަޖިސްޓްރީއެއް ނުވޭ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހު ރަޝީދު ވިދާޅުވެފައި ވަނީ އެ އަދަދަށް ރީ-ރަޖިސްޓްރީވެފައި ނުވާތީ ރާއްޖެއިން ބޭރާއި ސިނާއީ އެއްވެސް ރަށެއްގައި ވޯޓު ފޮއްޓެއް ނުބަހައްޓާ ކަމަށެވެ. ގިނަ އަދަދެއްގެ ދިވެހިން މަސައްކަތްކުރާ ހުޅުލޭ އެއާޕޯޓުގައި ވޯޓުލާން ވެސް ރީ-ރަޖިސްޓްރީވެފައިވަނީ 11 މީހުންނެވެ. 

އެމްޑީޕީގެ މިއަދުގެ މީޑިއާ ބްރީފިންގައި ވައްޑެ އިލެކްޝަންސް ކޮމިޝަނަށް ގޮވާލެއްވީ ނުފޫޒުން ދުރުވެ ތިބެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާށެވެ. 

އެމްޑީޕީން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ޣަފޫރު ވާހަކަ ދައްކަވަނީ---ފޮޓޯ: އެމްޑީޕީ
އެމްޑީޕީން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ޣަފޫރު ވާހަކަ ދައްކަވަނީ---ފޮޓޯ: އެމްޑީޕީ

އޭނާ ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓު ގުނުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ގުނަން ވެސް އިލެކްޝަންސް ކޮމިޝަނުގައި އެމްޑީޕީން އެދުނު ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ވައްޑެ ވިދާޅުވީ، އެންމެ ފުރަތަމަ ލޯކަލް އިންތިހާބުގެ ވޯޓު ގުނައިފި ނަމަ ފެންނަ ނުފެންނަ ވޯޓު ގުނަން ނުފަށަނީސް ގިނަ ބަޔަކު ހޯލް ދޫކޮށްފައި ކުރިން ދިއުމުގެ ފުރުސަތު އޮތުން ކަމަށެވެ.

"އެ ތަނުގައި ގިނަ ބަޔަކު ނެތި އެ ވޯޓު އޮޅުވާލައި، ވޯޓުގެ ސައްހަކަން ގެއްލިދާނެ އެތައް ކަމެއް ހިނގުމުގެ ފުރުސަތު އޮތީމާ. އެހެން ނަމަވެސް އިލެކްޝަނުން އަޅުގަނޑުމެންނަށް ޖަވާބު ފޮނުވާފައި އޮތީ ލޯކަލް ކައުންސިލް އިންތިހާބާއި ކެންޑިޑޭޓުންނާ ގުޅުން ހުރީމާ އެ އިންތިހާބަށް އޮތް ޝައުގުވެރިކަން ބޮޑުވެގެންދާނެތީވެ، ފުރަތަމަ ވެސް ގުނާނެ ވޯޓެއްގެ ގޮތުގައި އެ ވޯޓު ވެގެންދާނެ ވާހަކަ،" ވައްޑެ ވިދާޅުވި އެވެ.