ކުޑަކުއްޖަކު ލައްވައި އެއްތަނުން އަނެއް ތަނަށް ޑްރަގްސް އުފުލާކަމުގެ ތުހުމަތުގައި މާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ. 

ފުލުހުންގެ ވެބްސައިޓުގައި ބުނީ އެފްސީޕީޑީ، ޑްރަގް އެންފޯސްމަންޓް އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖަންސް ގުޅިގެން މިދިޔަ އާދިއްތަ ދުވަހު އޮޕަރޭޝަން ހިންގީ މަސްތުވާތަކެތި އުފުލަން 16 އަހަރުގެ ފިރިހެން ކުއްޖަކު ބޭނުންކޮށް، އެކްސްޕްލޮއިޓް ކުރާކަމުގެ ތުހުމަތުގައި ކަމަށެވެ. 

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ؛

  • ހަސަން ނުއާޒު، 28، މ. ނާޒްލީމަންޒިލް
  • އަހުމަދު ނައީމް، 39، ވ. ސެޓްލައިޓް

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ ކުޑަކުދިން "ގްރޫމް" ކުރުމާއި އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ މީހުންނަށް އިސްކަންދީގެން ހާއްސަ ފިޔަވަޅުތަކެއް އަޅާ ކަމަށެވެ.

އެފަދަ އަމަލުތައް ހިންގާ މީހުން ދެނެގަނެ، ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކާ އެކު މަސައްކަތްކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.