މައްސަލަތައް ބަލައި ޝަރީއަތް ކުރާނީ ފަނޑިޔާރުންނެވެ. އެކަން އެންމެންނަށް ވެސް އެނގެ އެވެ. އެހެންވިއްޔާ ބައެއް މައްސަލަތައް ކޯޓަށް ހުށަހެޅުމުން ރެޖިސްޓްރާ އެ މައްސަލަ ފަނޑިޔާރުންނާ ހިސާބަށް ނުގެންދަނީ ކީއްވެ ހެއްޔެވެ؟
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ފަރާތުން އެ މަނިކުފާނުގެ ވަކީލުކަން ކުރައްވާ އާދަމް އާސިފް ހައި ކޯޓަށް ހުށަހެޅުއްވި އިންތިހާބީ ޝަކުވާ ބަލައިނުގަންނަން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމާ އެކު ވެސް ފެށުނީ މި ބަހުސެވެ.
"ހައި ކޯޓުގެ ރަޖިސްޓްރާ އަކީ ފަނޑިޔާރެއް ނޫން،" ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުالله ދީދީ އެ ބަހުސްގެ ތެރޭގައި ވިދާޅުވި އެވެ.
އަހުމަދު އަބްދުالله ދީދީ އެހެން ވިދާޅުވާން ޖެހިވަޑައިގަތީ އާސިފް އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހުށަހެޅި އީފާސްއާ ގުޅޭ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝީދާ ދެއްކެވި ސަބަބުތައް ގަބޫލު ނުކުރެއްވިގެންނެވެ.
އެ މައްސަލަ އާސިފް ހުށަހެޅުއްވީ އީފާސް މެދުވެރިކޮށް އިންތިހާބަށް ކުރިމަތިލުމުގެ ކަންކަން ކޮމިޝަނުން ކުރަމުންދަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ބައެއް މާއްދާތަކާ ހިލާފަށް ކަމަށް ބުނެ އެވެ.
އެ މައްސަލައާ މެދު މަރިޔަމް ހޫރުޝީދާގެ ނިންމެވުމުގައި ފާހަގަކޮށްފައިވާ ގޮތުގައި މައްސަލަ ހުށަހެޅިއިރު ކޮމިޝަނުން އަމަލުކުރާ ގޮތް ގާނޫނީ މާއްދާތަކާ ހިލާފު ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މާއްދާތަކާ ހިލާފުވާ ގޮތް ގާނޫނީ އުސޫލުތަކުގެ އަލީގައި ބަޔާންކޮށްފައެއް ނެތެވެ. އެހެންވެ، އެ މައްސަލައަށް ހުއްދަ ދެވެން ނެތް ކަމަށް ރަޖިސްޓްރާ ނިންމެވި އެވެ.
އެއާ ނިންމެވުމާ ގުޅޭ ގޮތުން އަހުމަދު އަބްދުالله ދީދީ އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، އެގޮތަށް އެގޮތަށް އެކަން ނިންމުމުގެ އިހްތިސާސް، ރަޖިސްޓްރާއަކީ ފަނޑިޔާރަކަށް ނުވާތީ، ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ރަޖިސްޓްރާގެ މަސްއޫލިއްޔަތަކީ، ވަކިން ހާއްސަކޮށް ދުސްތޫރީ އަދި އިންތިހާބީ މައްސަލަތަކުގައި ފޯމަލިޓީސް ފުރިހަމަވޭތޯ ބަލައި، ފުރިހަމަވާ ނަމަ މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރުން ކަމަށެވެ.
މައްސަލައިގައި ހުށަހަޅާފައިވާ ވާގިއާތަކާއި ގާނޫނީ ނުކުތާތަކާ މެދު، އެއީ އިޖްރާއީ ނިންމުމެއް ކަމުގައިވިޔަސް އަދި މައުލޫއީ ނިންމުމެއް ކަމުގައިވިޔަސް ނިންމަން ވާނީ ފަނޑިޔާރުން ކަމަށާއި އެއީ ރަޖިސްޓްރާގެ ބާރުގެ ތެރޭގައި ހިމެނޭ ކަންކަން ނޫން ކަމަށް އަހުމަދު އަބްދުالله ދީދީ ވިދާޅުވި އެވެ.
ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވިދާޅުވީ މައްސަލަ ބަލައި ނުގަންނަން ރަޖިސްޓްރާ ނިންމި ނިންމުމުން ފެންނަން އޮތީ ބޮޑު ހުކުމެއް ގޮތަށް ކަމަށެވެ. ދެ ފަރާތުގެ ވާހަކަތައް އަޑުނާހައި، ޖަމީލު ވިދާޅުވާ ގޮތުގައި ރަޖިސްޓްރާ ނެރުއްވާފައިވަނީ ހާސަރުތަކެކެވެ.
"ހައި ކޯޓުން އަމަލު ކުރަމުން މިދަނީ، ގާނޫނުގައި އޮތްގޮތަކަށް ނޫން. އެއީ މިއަދުގެ ހަގީގަތް،" ޖަމީލު ވިދާޅުވި އެވެ.
ނަމަވެސް، މި ބަހުސްގެ ތެރެއިން "މިހާރު"އާ ވާހަަކަ ދެއްކެވި ގާނޫނީ ބޭފުޅަކު ވިދާޅުވި ގޮތުގައި ރަޖިސްޓްރާއަކީ ހަމައެކަނި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ފޯމު ބަލައިގަންނަން ހުންނަ މީހެއް ނޫނެވެ. އެހެން ނޫން ނަމަ، އެކަން އޮންނާނީ ރަޖިސްޓްރާއެއް ނެތި ކައުންޓަރާ ހަމައިން ނިމެންޖެހޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަޖިސްޓްރާއެއް މި ހުންނަނީ މުހިންމު ބޭނުމެއްގައި. ހަމަ ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައަކީ ފަނޑިޔާރުންގެ ކުރިމައްޗަށް ދާން ޖެހޭނެ މައްސަލައަކަށް ނުވެދާނެ. ފަނޑިޔާރުންގެ ކުރިމައްޗަށް ދާން ޖެހޭނީ ހަގީގަތުގައި ވެސް ގާނޫނީ މައްސަލަތަކެއް ހުރި ކަންކަން، ނޫން ނަމަ، ޝަރީއަތުގެ އެތައް ވަގުތަކާއި ވަސީލަތެއް ބޭކާރު ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަޖިސްޓްރާ އެ ނިންމާ ނިންމުމަކީ ބަދަލު ނުކުރެވޭ ގޮތަށް އޮތް ކަމެއް ވެސް ނޫނެވެ. އެކަމުގެ އިތުރު ރައްކާތެރިކަމަކަށް، ރަޖިސްޓްރާގެ ނިންމުން ފަނޑިޔާރުންގެ މަޖިލީހަށް އިސްތިއުނާފު ކުރެވެން އޮވެ އެވެ. ރަޖިސްޓްރާ މައްސަލައެއް ބަލައިނުގަތުމަށް ނިންމީ ގޯހުން ކަމަށްވާ ނަމަ އެ ނިންމުމެއް ފަނޑިޔާރުން ބާތިލް ކުރާނެ އެވެ.
އެހެންކަމުން، ރަޖިސްޓްރާގެ ނިންމުމާ މެދު ކަންބޮޑުވެ، އޭނާގެ އިހްތިސާސްއާ މެދު ސުވާލު އުފައްދަން ޖެހޭ ސަބަބެއް އޮތް ކަމަކަށް "މިހާރު" އާ ވާހަކަ ދެއްކެވި ގާނޫނީ ވަކީލު ދެކެވަޑައެއް ނުގަންނަވަ އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުން، ކޯޓުތަކުގެ ގާނޫނުން ރަޖިސްޓްރާއިންގެ ދައުރާއި އިން ވަރަށް ސާފުކޮށް އެނގެ އެވެ. އެއީ ސުވާލު އުފެއްދޭ ވަރަށް ވުރެ، ސާފުކޮށް އޮތް ކަމެއް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އެގޮތުން ގާނޫނުން އެކުލަވާލާފައިވާ ފަށަލައިން ރަޖިސްޓްރާގެ މަސްއޫލިއްޔަތު ކަމަށް ލިޔެފައިވަނީ، ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރުމެވެ. ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ނުވަތަ ލިޔެކިޔުމަކީ އެ ގަވާއިދާ ހިލާފަށް ހުށަހެޅި މައްސަލައެއް ނުވަތަ ލިޔުމެއް ނަމަ އެ މައްސަލައެއް ނުވަތަ ލިޔުމެއް، އެ ގަވާއިދާ އެއްގޮތަށް އިސްލާހުކުރުމަށް އެންގުމުގެ ނުވަތަ އެ މައްސަލައެއް ނުވަތަ ލިޔުމެއް ބަލައިނުގަތުމުގެ އިހްތިޔާރު ރަޖިސްޓްރާއަށް ލިބިގެންވާ ކަމަށް ގާނޫނުގައިވެ އެވެ.
ހައި ކޯޓުގެ ގަވައިދުގައި ރަޖިސްޓްރާ އަށް އެންމެ ފުޅާ ގޮތެއްގައި އިހްތިޔާރު ދީފަައިވަނީ ރަޖިސްޓްރާގެ ނަޒަރުގައި އެ ދައުވާއެއް ނުވަތަ ހުށަހެޅުމެއް ހުށަހަޅާފައިވަނީ ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ނުވަތަ ކޯޓުގެ ވަގުތު ނަގާލެވޭ ގޮތަށް ކަމަށް ނުވަތަ މީހަކަށް އުނދަގުލެއް ދިނުމަށް ކަމުގައިވާ ނަމަ މައްސަލަ ބޭރުކުރެވިދާނެ ގޮތަށެވެ. ގިނަ މައްސަލަތަކުގައި ގާނޫނީ ސަބަބުތައް ތަފްސީލު ގޮތެއްގައި ބަޔާންކޮށްފައި ނެތުން، ރަޖިސްޓްރާ ފައްތަނީ މި އިހްތިޔާރުގެ ދަށަށެވެ.
އަދި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އިސްތިއުނާފީ މައްސަލަ ބަލައިގަތުމުގެ އޮޅިގަނޑަކީ ވެސް މަތީ ދެ ކޯޓުގެ ރަޖިސްޓްރާއިން އާންމުކޮށް ވަޒަންކުރާ މަސްދަރެވެ. އެގޮތުން، ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގޮތުގައި ގާނޫނާ ހިލާފު ކަމަށް ބުނާ ސަބަބު، ގާނޫނުތަކުގެ މާއްދާ އަދި ގާނޫނީ އުސޫލުތަކުގެ އަލީގައި ބަޔާންކުރުމަކީ މައްސަލައެއް ހުށަހަޅާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. މި އުސޫލު އިސްތިއުނާފީ މައްސަލަތަކާ އެކު، ދުސްތޫރީ އަދި އިންތިހާބީ ޝަކުވާގެ މައްސަލަތަކަށް ވެސް ހިނގާނެ ކަމަށް ގާނޫނީ ބައެއް ބޭފުޅުން ދެކެ އެވެ.
މިކަމުގައި ހައި ކޯޓުގެ ނިންމުމެއް ވެސް އެބަ އޮތެވެ. އެއީ ދުސްތޫރީ މައްސަލައެއް ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމަކަށް ތާއިދުކޮށް އެ ކޯޓުގެ ފަނޑިޔާރުން މަޖިލީހުން ނެރެފައިވާ ނިންމުމެކެވެ. އެ މައްސަލައިގައި ވެސް ރަޖިސްޓްރާ ނިންމީ އެ މައްސަލަ ހުށަހެޅިއިރު، ފާހަގަކުރި ގާނޫނީ މާއްދާތައް، ތައާރަޒުވާ ކަމަށް ރަޖިސްޓްރާއަށް ގަބޫލު ނުކުރެވޭތީ އެވެ.
ފަނޑިޔާރު ހުސެއިން މަޒީދު ލިޔުއްވާފައިވާ ގޮތުގައި ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހަޅާއިރު، ގާނޫނާ ތައާރަޒުވާ ކަމަށް ހަމައެކަނި ބުނުމަކުން ނުފެދެ އެވެ. ތައާރަޒުވާ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކުގެ ތަފްސީލު މައްސަލަ ހުށަހަޅާ ފޯމުގައި ބަޔާން ކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.
"އެ ޒިންމާ އަދާކޮށްފައިވޭތޯ ބެލުމަކީ މައްސަލަ ރަޖިސްޓްރީކޮށް ޝަރީއަތަށް ފޮނުވުމުގެ ކުރިން ރަޖިސްޓްރާގެ އެންމެ މުހިންމު މަސްއޫލިއްޔަތެވެ. ހައި ކޯޓުން ބަލަން ޖެހޭވަރުގެ މައްސަލައަކަށް ފުދޭވަރުގެ މައްސަލައެއް ބަޔާންކޮށްދީފައިވޭތޯ ބެލުމަކީ ރަޖިސްޓްރާގެ މަސްއޫލިއްޔަތުގެ ތެރެއިން އެންމެ މުހިންމު އެއް ބަ އެވެ،" މަޒީދުގެ ރައުޔުގައިވެ އެވެ.
އެެހެންކަމުން މަޒީދު ދެކެވަޑައިގަންނަވާ ގޮތުގައި ރަޖިސްޓްރާ އަދާކުރަނީ ޝަރުއީ އިދާރީ މަސްއޫލިއްތަކެވެ.
އޭނާ ލިޔުއްވާފައިވާ ގޮތުގައި ރަޖިސްޓްރާގެ ހަމައެކަނި މަސްއޫލިއްޔަތަކީ ހުށަހަޅާ ފޯމު ބަލައިގަތުމުގައި ފޯމު ފުރާފައިވޭތޯ އާއި ފޯމާ އެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމައަށް ހުށަހަޅާފައިވޭތޯ ބެލުން އެކަންޏެއް ނޫނެވެ. އެހެން ވެއްޖެ ނަމަ އެކަން ވެގެންދާނީ ފަނޑިޔާރު ވިދާޅުވި ގޮތުގައި، ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި ކޯޓުގެ ވަގުތު އިސްރާފުކުރުމަށް ހުޅުވާލެވޭ ނުރަނގަޅު ދޮރަކަށެވެ.
އެކަމަކު، ފަނޑިޔާރު މަޒީދުގެ މި ރައުޔާ މެދު ބެންޗުގައި އިންނެވި ފަނޑިޔާރު ދީބާނާޒު ފަހުމީގެ ތާއިދު ނެތުމުން، ރަޖިސްޓްރާގެ އިމާ މެދު އޮތް ބަހުސަކީ ހަގީގަތު ވެސް ޖާއިޒު ބަހުސެއް ކަން އިތުރަށް ސާފުވެގެންދެ އެވެ.
ދީބާނާޒު ގަބޫލުކުރައްވާ ގޮތުގައި، އެ ފަހަރު ހުށަހެޅި ދުސްތޫރީ މައްސަލައިގައި ރަޖިސްޓްރާ ވަނީ މައުޟޫއަށް ގޮތް ނިންމަވައިފަ އެވެ. އެއީ ފަނޑިޔާރުންގެ އިހްތިސާސެވެ. މައްސަލަ ހުށަހަޅާ ފޯމަށް ބަލާއިރު، ގާނޫނީ ބަހުސެއް އުފެދޭ ފަދަ ސަބަބުތަކެއް ވެސް ހުރުމާ އެކު، ދީބާނާޒުގެ ރައުޔަކީ ފަނޑިޔާރުންނާ ހަމައަށް މައްސަލަ ގެންނަން ޖެހޭ ކަމެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ކަންކަމުގައި އީފާސް ބޭނުންކުރަންޖެހޭ މައްސަލަ ހައި ކޯޓުގެ ރެޖިސްޓްރާއާ ހިސާބުން ބޭރުވިޔަސް އެ މައްސަލަ ހިނފައިގެން އެނބުރި ގޮސް ވަންނާނެ ދޮރުތައް ބަންދު ނުވާކަން ސާފެވެ. އެކަމަކު ހައި ކޯޓުގެ ކުރީގެ ނިންމުމަކުން ވެސް އެނގެން އޮތް ގޮތަށް، ސާފު ނުވެގެން މި އުޅެނީ ރެޖިސްޓްރާގެ އިމެވެ. ފަނޑިޔާރުން ވެސް އެ ތިއްބެވީ އެ ބަހުސްގެ ތެރޭގަ އެވެ.