ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމާއި އެ ނޫން ވެސް ކަންކަން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައިޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކުރުމާ ދެކޮޅަށް(ޕީޕަލްސް ނޭޝަނަލް ފްރަންޓް) ޕީއެންއެފްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތް ނިންމުން އިސްތިއުނާފުކުރަން ނިންމައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީއެންއެފް ޕާޓީގެ ސެނެޓަރު އަދި އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް އާސިފު ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި ތުހުމަތު ކޮށްފައިވާ ގޮތުގައި އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ހުރިހާ ކަމެއް އޮންލައިންކޮށް ކުރާ ގޮތަށް ހަމަޖެއްސުމަކީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ފުރުސަތު ހަނިކުރުމެވެ.

އެހެންވެ، އެ ނިންމުން ބާތިލްކުރަން ހައި ކޯޓަށް އިންތިހާބީ ޝަކުވާއެއް ހުށަހެޅި ނަމަވެސް އެ ކޯޓުގެ ރަޖިސްޓްރާ އިއްޔެ ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ. ހައި ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝީދާ ނިންމެވި ނިންމެވުމުގައިވަނީ އިސީގެ ނިންމުން އާސިފް ފާހަގަކުރެއްވި ގާނޫނީ މާއްދާތަކާ ހިލާފުވާ ގޮތެއް ގާނޫނީ އުސޫލުތަކުގެ އަލީގައި ބަޔާންކޮށްފައި ނުވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. 

ހައި ކޯޓުގެ އެ ނިންމުމާ ގުޅިގެން ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހު "މިހާރު"އަށް ވިދާޅުވީ ރަޖިސްޓްރާ އިއްޔެ ނިންމި ނިންމުން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށެވެ. އަދި ރަޖިސްޓްރާގެ އެ ނިންމުމަކީ ކުރިން އަމަލުކުރި އުސޫލުތަކާއި ގާނޫނާ ވެސް ހިލާފަށް ނިންމި ނިންމުމަކަށްވާތީ އޭނާގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް ހުށަހަޅާނެ ކަމަށް މަލީހު ވިދާޅުވި އެވެ. 

އާސިފް ހުށަހެޅުއްވި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ހައި ކޯޓުން އިއްޔެ ނިންމިއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފޯމު ހުށަހެޅުމުގެ ސުންގަޑި އިއްޔެ ވަނީ ހަމަވެފަ އެވެ. 

އީސީން ބުނެފައިވާ ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޝަރުތު ހަމަވީ 2،993 މީހުންނެވެ. އޭގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޝަރުތު ހަމަވީ 1،610 މީހުންނެވެ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޝަރުތު ހަމަވެ، އީސީން ކެންޑިޑެސީ ގަބޫލުކުރީ 1،383 މީހުންގެ އެވެ.

އެ ދެ އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު ވެސް ހައި ކޯޓުން ގޮތެއް ނުނިންމައި ތިބި މައްސަލާގައި ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑު ވިދާޅުވި އެވެ. އޭނާ އުފެއްދެވި އެއް ސުވާލަކީ ވެސް ހައި ކޯޓުން މައްސަލަ ބަލައި ނުގަނެ، އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ފަހަނަޅައި ދާންދެން ތިބި މައްސަލަ އެވެ.

ކައުންސިލްތަކުގެ އިންތިހާބަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ ތާއީދު ފޯމު ފުރުމަށް ހަމައެކަނި އީފާސް ބޭނުންކުރަން އީސީން ނިންމާފައިވާ މައްސަލާގައި ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. 

ޔާމީންގެ ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވެފައިވަނީ ޝަރުއީ ކޯޓުތަކުގައި ވެސް ހެއްކެއް ބަލައިގަންނަނީ އޭގެ އަސްލު ކިތާބީ ނުވަތަ ޝަފަހީ ހެކި އޮންނަނަމަ ކަމަށެވެ. އެހެންކަމުން، ކަރުދާހުން ކުރާ މުއާމަލާތް އެއްކޮށް ހުއްޓާލުމުގެ ބާރު އީސީ އަށް ލިބިގެންނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.