ސާފް ފުޓްސަލް ޗެމްޕިއަން ޓީމުގައި ރާއްޖޭގެ ފުޓްސަލް ޓީމުން ހޯދި ފަހުރުވެރި ކާމިޔާބީ، އެސްޓީއޯއިން ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފި އެވެ.
އެ ކުންފުނިން ގައުމީ ފުޓްސަލް ޓީމަށް މަރުހަބާ ކިޔައި، އެ ޓީމުގެ ކާމިޔާބީ ފާހަގަކުރަން ހާއްސަ ހަރަކާތެއް ބޭއްވީ މިދިޔަ އާދިއްތަ ދުވަހު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ހަރަކާތެއްގަ އެވެ.
އެ ހަރަކާތުގައި ޓީމުގެ ކުޅުންތެރިންގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއް ވަނީ ދީފަ އެވެ. ހަނދާނީ ފިލާ ޓީމާއި ހަވާލުކޮށްދެއްވީ އެސްޓީއޯގެ ޗީފް ފައިނޭންސް އޮފިސަރު މުހައްމަދު ނިޒާމް އެވެ.
އެ ހަރަކާތުގައި ޓީމުގެ ކޯޗާއި ހުރިހާ އޮފިޝަލުންނާއި ކުޅުންތެރިންނަށް ހާއްސަ ވައުޗަރުތަކެއް ވަނީ ދީފަ އެވެ. މި ވައުޗަރުތައް ހަވާލު ކޮށްދެއްވީ އެސްޓީއޯ ކޯޕަރޭޓް މާކެޓިން ކޮމިއުނިކޭޝަންސްގެ ޑިރެކްޓަރު އަހުމަދު ޝިފާން އެވެ.
އެސްޓީއޯ އިން ބުނީ އެއީ ގައުމީ މިފަދަ ކާމިޔާބީތައް އަބަދުވެސް ފާހަގަކޮށް، އެކި ދާއިރާތަކުން ކުރިއަށް ދިއުމަށް، ޒުވާނުންނާއި ޓީމުތަކަށް ހިތްވަރު ދޭ ކުންފުންޏެއް ކަމަށެވެ.