ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ނިވައިކަން ކުޑަ އަންނައުނާއި ބިކިނީ ފަދަ ތަކެތި ލައިގެން ބިދޭސީންނާއި ފަތުރުވެރިން އުޅޭ މައްސަލަ ހައްލުކުރުމަށް، ރައްޔިތުންގެ މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މި ޕެޓިޝަން ހުށަހަޅާފައިވަނީ، އިއްޔެ މަޖިލީހުން އިފްތިތާހުކުރި އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ-ޕެޓިޝަން ޕޯޓަލް)  މެދުވެރިކޮށެވެ.

ޝައިހް ޒަމްޒަމް ފާރިޝް ހުށަހެޅުއްވި އެ ޕެޓިޝަނުގައި ބުނީ އާންމު ތަންތަނުގައި ނިވައިކަން ކުޑަ ފޭރާމުގައި އުޅުމުގެ ސަބަބުން އިސްލާމީ ރިވެތި އަހުލާގާއި ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މުއްސަނދި ސަގާފަތާއި އާދަކާދަތައް ނެތިދިއުމުގެ ބިރު އޮތް ކަމަށެވެ.

އެއީ ގިނަ އަދަދެއްގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެއްކަން ފާހަގަކޮށް ޕެޓިޝަންގައި ބުނީ އެފަދަ އަމަލުތަކުގެ ސަބަބުން ދިވެހި ޅަދަރިންނަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށެވެ.

އެއީ ކުޑަކުދިން އިސްލާމީ ތަރުބިއްޔަތުގެ މަތީގައި ބޮޑުކުރުމަށް ކުރިމަތިވާ ބޮޑު ހުރަހެއްކަން ފާހަގަކޮށް އޭގައި ވަނީ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ތިން ކަމެއް ކުރުމަށް އެދިފަ އެވެ.

  • މައްސަލަ ހައްލު ކުރުމަށް މިހާރު ހުރި ގަވާއިދުތައް ތަންފީޒުކުރުން މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުން
  • ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު އަމަލުކުރާނެ ގޮތުގެ އާ ގާނޫނުތަކެއް އެކަށައެޅުން
  • އާންމު ތަންތަނުގައި ނިވައިކަން ކުޑަ ފޭރާމުގައި އުޅޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން

ގާތްގަނޑަކަށް 150 މީހުންގެ ސޮއި އާއެކު ހުށަހަޅާފައިވާ އެ ޕެޓިޝަންގައި ސޮއި ކުރުމުގެ ފުރުސަތު އާއްމުންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ.

މިފަދަ މައްސަލަތައް ފެންމަތިވަނީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށްރަށުގަ އެވެ. ޓޫރިސްޓުންނަށް ހާއްސަ ސަރަހައްދުތައް ކަނޑައަޅާފައިވާ ނަމަވެސް އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ޓޫރިސްޓުން އުޅޭ މައްސަލަ ވެސް ފެންމަތިވެ އެވެ.