ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޕީއެންސީގެ ޓިކެޓުގައި އައްޑޫގެ ދާއިރާތަކަށް ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ބަޔަކު ގެއްލުންދީފި އެވެ. 

ސަރުކާރު ހިންގާ ޕާޓީގެ އައްޑޫގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން މިއަދު ވިދާޅުވީ، އެ ދެ އިންތިހާބުގައި އައްޑޫގެ ޕީއެންސީގެ 22 ކެންޑިޑޭޓުންގެ ޕޯސްޓަރުގައި ބަޔަކު ކަޓަރު އަޅައި ގެއްލުން ދީފައިވާ ކަމަށެވެ. 

"އެއީ ބްރިޖުން ލާފައި ގޮސް މަރަދޫން ފައިބައިގެން ދާއިރު އޮންނަ ސަރަހައްދުގައި ހަރުކުރަން އަޅުގަނޑުމެން ތައްޔާރުކުރި ޕޯސްޓަރުތަކެއް. މިއަދު ހުކުރު ދުވަހަށް ވާތީ ބައެއް ޕޯސްޓަރުތައް ހަރުކޮށްފައި އަނެއް ބައި ޕޯސްޓަރުތައް މިއަދު ހަރުކުރަން ބެހެއްޓީ. އެހެން ހުއްޓާ އެ ގެއްލުން ދިނީ،" ސިނާން ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި، އެ މައްސަލަ އައްޑޫ ފުލުހުންނަށް ވެސް މިހާރު ވާނީ ހުށަހަޅައިފަ އެވެ. 

ސިނާން ވިދާޅުވީ، ސިޔާސީ ކަންކަމުގައި ކުރިއަށް ދާއިރު އެއް ބަޔަކު އަނެއް ބަޔަކަށް ގެއްލުން ދިނުމަކީ އެއީ ފަހަތަށް އަޅާ ފިޔަވަޅެއް ކަމަށެވެ. 

"ކަޅުތެޔޮ ޖަހައި، ޕޯސްޓަރުތަކަށް ގެއްލުން ދީގެން އިންތިހާބު ކާމިޔާބު ކުރާ ޒަމާނެއް ނޫން މިއީ. އެ އަށް ވުރެ ތަސައްެރަފު ފުދިގެން ކެމްޕެއިން ކުރަން ވާނީ. އަޅުގަނޑަކަށް ނޭނގޭ ކޮން ބަޔަކު ކޮން މަގުސަދެއް ހާސިލް ކުރަން ކުރި ކަމެއް ކަމަށް މިއީ،" އޭނާ ވިދާޅުވި އެވެ.