ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާ ދިމާކޮށް ވަގުތީ ފައިދާ އަށް ކަންކަން ކުރާ ނަމަ އެ ދޫކޮށްލެވެނީ ބައިވަރު ކަންކަން ކަމަށާއި އަނބުރާ ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ދ. ކުޑަހުވަދޫން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރަން އެ ރަށުގައި ބޭއްވި ޖަލްސާގަ އެވެ.
ފައިސަލް ވިދާޅުވީ، މީގެ 18 އަހަރު ކުރިން ގާނޫނުއަސާސީ އިސްލާހު ކުރި ގޮތަށް މަސައްކަތް ކުރުމަކީ އަބަދުއަބަދު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭރު ގާނޫނުއަސާސީ އިސްލާހު ކުރުމަށްޓަކައި ދިވެހިން ކުރި މަސައްކަތްތަކުގެ ތެރެއިން އެތައް ބަޔަކު ޖަލަށް ލައި، މުދާތައް ގެއްލިފައިވާއިރު އެއީ އުނދަގޫ ކަންކަން ކަމަށް ފައިސަލް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވިޔަފާރީގައި ވެސް ވާދަވެރިން ތިބޭ ބީދައިން ސިޔާސީ ގޮތުން ވެސް ވާދަވެރިކޮށް ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނަން ޖެހޭނެ އެވެ.
ފައިސަލް އެހެން ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލަން ސަރުކާރުން އިސްވެ ކުރާ މަސައްކަތްތަކާ ގުޅުވައިގެންނެވެ. އެއީ ދައުލަތުން މިހާރު ކުރާ ހަރަދުތައް ކުޑަކުރުމުގެ ބޭނުމުގައި ނިންމާ ކަމެއް ކަމަށް ސަރުކާރުގެ އިސްވެރިން ވިދާޅުވަމުން ގެންދެވި ނަމަވެސް އެމްޑީޕީގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ފައިސަލް ވިދާޅުވީ އެހެން އެކަން ކުރާ ނަމަ ރިޔާސީ ދައުރުގެ މުއްދަތު ވެސް އުވާލާނެ ކަމަށެވެ.
"އެންމެ މީހަކު ތާއަބަދަށް ވެރިކަމުގައި ހުންނަ ކަމަށް ވަންޏާ ދެން ވާނެ ގޮތުގެ ވާހަކަ އަޅުގަނޑުމެން ދިވެހިން ދެން ކޮންމެހެން ދައްކާނެ ކަމެއް ނެތް. އަޅުގަނޑުމެންނަށް އެ ހުރިހާ ކަމެއް އޮތީ ތަޖުރިބާ ކުރެވިފައި،" ފައިސަލް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ހުރިހާ އެންމެންނަށް ވަޒީފާ ދިނުމުގެ ސަބަބުން ކަންނެތްކަން އިތުރުވެފައިވާ ކަމަށެވެ. ވިދާޅުވީ، ވަޒީފާގެ ބިރުވެރިކަން އެއްވެސް ބަޔަކު ބޭނުން ނުވާނެ ކަމަށާއި ހަގީގަތަކީ އެ ބިރުވެރިކަން ދިވެހިން ނިންމާލާފައިވާ ކަން ކަމަށެވެ.
ފައިސަލް ވިދާޅުވީ، ދައުލަތުގެ ވަޒީފާތަކުގައި ތިބޭ މީހުންނަށް ވެސް މުސާރަ ދެނީ ދިވެހި ރައްޔިތުން ކަމަށާއި ވަޒީފާ ގެއްލިދާނެތީ ބިރުގަންނަން ނުޖެހޭނެ ކަމަށެވެ.
ކުޑަހުވަދޫގެ ރައްޔިތުންގެ ކިބައިން ފައިސަލް އެދިވަޑައިގަތީ އެ މީހުންނާ ގުޅުން ހުރި އެންމެންގެ ވޯޓު އެމްޑީޕީއަށް ހޯދައި ދިނުމަށެވެ.
"ރާއްޖޭގެ އެހެން ރަށަކަށް ކުރިމަތިލައްވާ ބޭފުޅަކަށް ވެސް ހޯއްދަވައި ދެއްވެން އޮތް ކޮންމެ ވޯޓެއް ތިޔަބޭފުޅުންގެ މަސައްކަތުން ހޯއްދަވައި ދެއްވާށޭ. އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ގައުމަށްޓަކައި ޅަދަރިންނަށްޓަކައި އަޅުގަނޑުމެންގެ މުސްތަގުބަލަށްޓަކައި ކުރާ މަސައްކަތެއް،" ފައިސަލް ވިދާލުވި އެވެ.