ހައްޖާއި އުމްރާގެ ކަންކަމާއި، އަދި އެހެނިހެން ދާއިރާތަކުން ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑާ އެކު އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމީ މަރުކަޒުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަމަށެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.
އެއްބަސްވުމުގެ ބޭނުން
- ހައްޖާއި އުމްރާގެ ކަންކަމާއި އެ ނޫން ވެސް ދާއިރާތަކުން އެއްބާރުލުމާއި އެހީތެރިކަން ދިނުން
- ދިވެހި ހައްޖުވެރިންނާއި އުމްރާވެރިންނަށް ފަސޭހަ އަދި އިތުބާރުހުރި ވައިގެ ދަތުރުފަތުރުގެ ހިދުމަތެއް ކަަށަވަރުކުރުން
- މާލެ އާއި ޖިއްދާއާ ދެމެދު ކުރެވޭ ދަތުރުތައް އިތުރުކުރުން
- ހައްޖުވެރިންނަށާއި އުމްރާވެރިންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން
މިނިސްޓްރީން ބުނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ މުވައްޒަފުންނަށް ދީނީ ކަންކަމާ ގުޅޭ ތަމްރީނުތައް ފޯރުކޮށްދިނުމާއި މިނިސްޓްރީން ބާއްވާ ހައްޖު އަދި އުމްރާ ކޮންފަރެންސް ކަހަލަ ހަރަކާތްތަކުގައި މޯލްޑިވިއަންގެ ފުރިހަމަ ބައިވެރިވުން ހޯދުން ވެސް އެ އެއްބަސްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު މޯލްޑިވިއަންގައި ހައްޖުގެ އަޅުކަމަށް ސައޫދީ އަށް ދިވެހިން އުފުލަން މިދިޔަ އަހަރު ވަނީ އަލުން ފަށައިފަ އެވެ. މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމަށް މޯލްޑިވިއަންގައި 500 ހައްޖުވެރިން ސައުދީއަށް ދަތުރުކުރި އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ކުރިން ވިދާޅުވެފައި ގޮތުގައި، މޯލްޑިވިއަން އިން ހައްޖުވެރިން އުފުލަން ފެށުމުން ހައްޖުގެ ދަތުރުތަކަށް ކުރަމުން އަންނަ ހަރަދުން 3.4 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި 100 ޕަސެންޓް ހައްޖުވެރިން މޯލްޑިވިއަން އެއާލައިންގައި ދަތުރު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.