ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް ނުވަތަ ޓާމިނަލް 2 އަށް ރޭ ބަދަލުކޮށްފި އެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި، ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ޓާމިނަލް 2 އަށް ބަދަލުކުރީ ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު އެވެ.
ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި ބޭނުންކުރަމުން އައީ 8 ޗެކިން ކައުންޓަރު ކަމަށް ވިޔަސް ޓާމިނަލް 2 ގައި 27 ކައުންޓަރު ހުންނާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ. އަދި ސެކިއުރިޓީ ކްލިއަރެންސަށް ތިން މެޝިނާއި ހަ ޑިޕާޗާ ގޭޓު ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި ޓާމިނަލް 2 ގައި ދެ ޖިންސުންގެ މީހުންނަށް ވަކިން ނަމާދު ކުރެވޭ ގޮތަށް ދެ ކޮޓަރި އާއި ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި އެފްއެންޑްބީ ތިން އައުޓްލެޓް ހުންނާނެ އެވެ. މީގެ އިތުރުން އެންމެ ފަހުން ބޭނުންކުރި ޑޮމެސްޓިކް ޓާމިނަލްގެ ބެގޭޖު ބެލްޓަށް ވުރެ ހަތަރު ގުނަ ބޮޑު ދެ ބެލްޓު ބަހައްޓާފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ބަދަލުގެ މައިގަނޑު މަގުސަދަކީ ކުރީގެ ޑޮމެސްޓިކް އެއާޕޯޓުގައި ކުރިމަތިވާ ތޮއްޖެހުން ކުޑަކޮށް، ދަތުރު ކުރައްވާ ފަސިންޖަރުންނަށް ވީހާ ވެސް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމެވެ،" އެމްއޭސީއެލުން ބުންޏެވެ.
ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރުމުގެ މަސައްކަތް ކުރީ އެމްއޭސީއެލްގެ މުވައްޒަފުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ޑޮމެސްޓިކް ދަތުރުތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރުމުން، ވެލާނާ އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް އިއްޔެ އިން ފެށިގެން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.
ޓްރެފިކް ފްލޯ އަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ޑޮމެސްޓިކް ޓާމިނަލަށް އަންނަ ފަސިންޖަރުން ޓެކްސީ ހޯދުމަށް އާ ޓާމިނަލްގެ ޓެކްސީ ކިއުއަށް އަރަން ޖެހޭ ގޮތަށް ހެދުމެވެ. މީގެ ކުރިން ޑޮމެސްޓިކް ޓާމިނަލުން ދަތުރުކުރާ ފަސިންޖަރުން ޓެކްސީ ހޯދަން ދާން ޖެހެނީ އެއާޕޯޓުގެ ބަނދަރަށް ވާ ފަޅިން ހަދައިފައި އޮންނަ ކިއު އަށެވެ.
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ނުވަތަ ޓާމިނަލް 1 މިދިޔަ އަހަރުގެ ޖުލައި 26 ގައި ހުޅުވައި، މިދިޔަ އަހަރުގެ ނިޔަލަށް ހުރިހާ އިންޓަނޭޝަނަލް އެއާލައިންތަކުގެ ދަތުރުތައް ވަނީ އެ ޓާމިނަލަށް ބަދަލުކޮށްފަ އެވެ.