ދުޅަހެޔޮ ސިއްހަތެއްގައި އާންމުން ތިބުމަށް ބާރު އެޅުމުގެ ގޮތުން ހުޅުމާލެ 2 ގައި އެޗްޑީސީން ގާއިމުކުރި ފުރަތަމަ އައުޑްޑޯ ޖިމް އާންމުންނަށް އިއްޔެ ހުޅުވާލައިފި އެވެ. 

އެ ޖިމް ހަދާފައި ވަނީ ހިޔާގެ ރަތް ޓަވަރުތައް ކައިރީގަ އެވެ. އެ ތަނުގައި ކަސްރަތު ކުރުމަށް ބޭނުންކުރާ 22 ވައްތަރެއްގެ ސާމާނު ބަހައްޓާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. 

އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ޖިމް ހުޅުއްވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ. 

އެޗްޑީސީން ބުނީ އެއީ ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އަށަގެންނެވުމަށް ކުރިއށް ގެންދިޔަ މުހިއްމު މަސައްކަތެއް ކަމަށެވެ.

ނޭޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށާއި އެހެންވެ އެޗްޑީސީގެ އަމާޒަކީ އެ ވައުދުތައް ފުއްދުމަށް އެއްބާރުލުން ދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. 

އެޗްޑީސީން ބުނީ ކުރިމަގުގައި ވެސް މުޖުތަމައުއަށް ފައިދާހުރި އަދި ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުމަށް އެފަދަ ގިނަ މަޝްރޫއުތައް ކުރިއަށްގެން ދިއުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.