ހުޅުމާލެ 2 ގެ ބީޗް ބްލެވާޑް ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ގޮނޑުދޮށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި މަސްބާނާ ޕްލެޓްފޯމެއް ހެދުމާ މެދު އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.
އެންވަޔަރުމެންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އެންއާރުއޭ) އިން އަންނަނީ ހުޅުމާލެ ދޭއްގައި ބީޗް ބުލެވާޑް ސަރަހައްދުގައި ހިންގުމަށް ހުށަހަޅާފައިވާ ގޮނޑުދޮށް ތަރައްގީ ކުރުމުގެ މަސައްކަތަށް އީއައިއޭ ނުވަތަ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރު ކުރަމުންނެވެ.
އެކަމާ ގުޅިގެން އާންމުންގެ ހިޔާލު ހޯދަން ލާޒިމް ކުރާތީ އެ އޮތޯރިޓީން އެކަމަށް ހުޅުވައިލުމަށް ފަހު ބުނީ އެ ސާވޭގެ ބޭނުމަކީ އާންމުންނާއި މަސްބާނަން އަދި މޫދަށް އެރުމަށް އެ ސަރަހައްދު ބޭނުންކުރާ މީހުން މިހާރު ގޮނޑުދޮށް ބޭނުންކުރާ ގޮތާއި އެ ސަރަހައްދުގެ މިހާރުގެ ހާލަތާ މެދު ހުރި ކަންބޮޑުވުންތަކާއި އެޗްޑީސީން ހުށަހަޅާފައިވާ އާޓިފިޝަލް ސުވިމިން ޕުލޭނާއި މަސްބާނާ ޕްލެޓްފޯމާ މެދު ދެކޭގޮތް ދެނެގަތުމަށް ހިންގާ ސާވޭއެއް ކަމަށެވެ.
އެންއާރުއޭ އިން ބުނީ އެ ސާވޭގައި ރަނގަޅު ނުވަތަ ނުބައި ޖަވާބެއް ނޯންނާނެ ކަމަށާއި އެ މަޝްރޫއުއާ މެދު ދެކޭގޮތާއި ފާޑުކިޔުންތަކަށް ހުޅުވާލާ ކަމަށެވެ.
އެ ސުވާލު ކަރުދާހުގައި ހިމެނޭ ކޮންމެ ސުވާލަކަށް ޖަވާބު ނުދިނުމުގެ އިހްތިޔާރު ވެސް ލިބެ އެވެ.
އެންއާރުއޭ އިން ބުނި ގޮތުގައި އަމިއްލަ މައުލޫމާތު ނަގާނީ ހަމައެކަނި ޖަވާބުތައް ކަށަވަރު ކުރުމަށާއި އެކަމާ ގުޅިގެން އިތުރު މައުލޫމާތު ހިއްސާކުރުމުން ކަމަށެވެ. އެ ރިޕޯޓުގައި ނަމާއި ގުޅޭނެ މައުލޫމާތުތައް ނުހިމަނާނެ ކަމަށް ވެސް ބުންޏެވެ. އެކަމަކު އީއައިއޭ ރިޕޯޓު އެކުލަވާލުމުގައި އެ ހިޔާލުތައް ބޭނުންކުރާނެ އެވެ.
އެންއާރުއޭ އިން ބުނީ މަސައްކަތްތައް ކުރިއަށް ގެންދާއިރު ޕްލޭން މުރާޖައާ ކުރުމާއި މޫސުމާއި ޕްރޮޖެކްޓާ ގުޅުން ހުރި އެކި ކަންކަމަށް ރިއާޔަތްކޮށް ކަންކަން ބަދަލުވުން ވެސް އެކަށީގެންވާ ކަމަށެވެ.