ސްޓެލްކޯ އިން ކ. ގުޅީގައި އާ އިންޖީނެއް ބަހައްޓައި ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.

އެ ކުންފުނިން ބުނީ މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގުޅިއަށް އަލަށް ގެންދިޔަ 800 ކިލޯވޮޓުގެ އިންޖީނު އެ ރަށުގައި ބަހައްޓައި، އެ އިންޖީނުން ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

އެ އާ އިންޖީނާ އެކު، ޕަވާ ޖަނަރޭޝަން ކެޕޭސިޓީ ނުވަތަ ކަރަންޓު އުފެއްދޭ މިންވަރު 1،904 ކިލޯވޮޓަށް އިތުރު ކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. 

ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ ގުޅީގެ ކަރަންޓު ކެޕޭސިޓީ މި ރޯދަމަހުގެ ކުރިން އިތުރު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން އެ ރަށަށް މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައިވެ އެވެ. 

ގުޅިއަށް 10.5 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަޝްރޫއު ވެސް ހިންގައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރުން ވަނީ އެ މަސައްކަތް ނިންމައިފަ އެވެ.  

ގުޅިއަކީ 814 ގެ އާބާދީއެއް އޮންނަ ރަށެކެވެ. އަދި އެ ރަށުގައި މިވަގުތު 15 ގެސްޓު ހައުސް ހިންގަ އެވެ.