އިޖުތިމާއީ އަދުލަކީ ރާއްޖޭގެ ހުރިހާ ރަށްރަށުގެ މީހުންނަށް ހަމަހަމަ ފުރުސަތުތަކާއި ހިމާޔަތާއި ރައްކާތެރިކަން ހަމަހަމަ ގޮތެއްގައި އޮތުން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ "ދުނިޔޭގެ އިޖުތިމާއީ އަދުލުގެ ދުވަހުގެ" މުނާސަބާގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގައި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ހަރުދަނާ ކުރުމުގައި ރާއްޖެއިން ސާބިތުކަމާ އެކު ދެމިތިބޭނެ ކަމަށެވެ. އަދި އިޖުތިމާއީ އަދުލު ގާއިމްކުރުމުގެ ގޮތުން ކުރާ މަސައްކަތްތަކުގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ސިއްހީ ފަރުވާ އެންމެނަށް ލިބޭނެ ގޮތް ހެދުމާއި އިތުބާރު ހިފޭ ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުމާއި އަތްފޯރާ އަގެއްގައި ފޯރުކޮށްދޭ ބޯހިޔާވަހިކަމެވެ.
މީގެ އިތުރުން އަބުރުވެރިކަމާ އެކު މަސައްކަތް ކުރެވޭ ފަދަ އިގުތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަކީ ވެސް އެގޮތުން ކުރާނެ މަސައްކަތެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެެއްވި އެވެ.
"ކޮންމެ ދިވެއްސަކު އުއްމީދީ ކުރިމަގެއް ބިނާކުރުމަށްޓަކައި އަޅުގަނޑުމެން މި ގެންދަނީ ހުނަރާއި ތައުލީމަށް އިންވެސްޓްކުރަމުން،" އެކްސްގައި ކުރެެއްވި ޕޯސްޓްގައި ރައީސް ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އިޖުތިމާއީ އަދުލުގެ ދުވަހަކީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ފެބްރުއަރީ 20 ވަަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. އެ ދުވަސް ފާހަަގަ ކުރަން ނިންމީ 2007 ވަނަ އަހަރު އދ. ގެ އާއްމު މަޖިލީހުގައި ނެގި ވޯޓަކުންނެވެ.
އެ ދުވަސް ފާހަގަކުރަނީ އިޖުތިމާއީ އަދާލަތު ހަރުދަނާ ކުރަން ގައުމުތަކުން މަސައްކަތް ކުރުމަށެވެ.