މި ސަރުކާރުން ޓީޗަރުންގެ ހެވާއި ލާބަޔަށް އެދޭ ކަމަށާއި އެ މީހުންނަށް މާބުރަ ބޮޑުނުވާނެ ގޮތަށް މަސައްކަތްތައް ރާވައި ޓީޗަރުންގެ މަސައްކަތުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔެއަށް އަންނަ ބަދަލުތަކާ އެކު ކުރިއަރައިގެން ދިއުމަށް ކޮންމެ ކުއްޖަކަށް ވެސް އެހީތެރިވާ ބަޔަކީ ޓީޗަރުން ކަމަށެވެ.
އެހެންވެ، ޓީޗަރުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު ޓީޗަރުންގެ އިލްމާއި ބުރަ މަސައްކަތުން ކުދިންގެ މުސްތަބަލު ބިނާކުރުމުގައި ކުރަމުން އަންނަ މަސައްކަތާއި ވަމުން އަންނަ ގުރުބާނީ ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެންމެންގެ ޒިންމާއަކީ ވެސް ޓީޗަރުންނަށް އެ މީހުންގެ މަސައްކަތް އެންމެ ރަނގަޅު ގޮތުގައި ކުރެވޭނެ މާހައުލު ގާއިމުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އެ މަނިކުފާނު ވިދާޅުވީ މިއީ ޓީޗަރުންގެ ދުޅަހެޔޮކަމަށް އިސްކަންދޭ ސަރުކާރެއް ކަމަށެވެ. އަދި ޓީޗަރުންގެ މަސައްކަތުގެ ބުރަ މަދުކުރުމާއި އެ މީހުންގެ މަސައްކަތުގެ ހާލަތު ރަނގަޅު ކުރުމާއި އިންކްލޫސިވް އެޑިއުކޭޝަން ހަރުދަނާކުރުމުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިވުމަށް ޓީޗަރުންގެ ގާބިލުކަން އިތުރުކުރުން ފަދަ މަސައްކަތަކަށް އިސްކަންދީގެން މި ސަރުކާރުން އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޓީޗަރުންނަށް ސަޕޯޓުކުރުމުގެ ސަބަބުން ކުދިންނާއި ގައުމު ވެސް ކުރިއަރާނެ ކަމަށެވެ.
"އަޅުގަނޑުމެން ޓީޗަރުންނަށް ސަޕޯޓުކުރުމުން، އަޅުގަނޑުމެންގެ ފައުންޑޭޝަން ކަމުގައިވާ ކުދިންނާއި އަޅުގަނޑުމެންގެ ގައުމު ވެސް ކުރިއަރާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ ޓީޗަރުންގެ އަގުވަޒަން ކުރައްވައި ތައުލީމީ ދާއިރާއަށް އިންވެސްޓްކޮށް، އެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރުމާ އެކު ޓީޗަރުންނަށް ކޮންމެ ކުއްޖެއްގެ ވެސް އެންމެ ފުރިހަމަ ގާބިލުކަން ނެރުމަށް އެހީތެރިވާ ބަޔަކަށް އެންމެން ވެސް ވުމަށް އެދިވަޑައިގެންފަ އެވެ.
ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަހެވެ. ޔުނެސްކޯ އިން އިސްނަގައިގެން އެ ދުވަސް ފާހަގަކުރަން ފެށީ 1994 ވަނަ އަހަރުން ފެށިގެންނެވެ.