މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކާއި ރަޖިސްޓަރީ ނުކޮށް މަގުތަކުގައި ބަހައްޓާފައިވާ އަދި އެހެން ޒޯނުތަކަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތައް އަންނަ ހޯމަ ދުވަހުން ފެށިގެން ޓޯކުރަން ފުލުހުން ނިންމައިފި އެވެ.
ފުލުހުންގެ އިދާރާ އިން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ އުޅަނދުތައް ގެންދަން މުހުލަތެއް ދީފަ އެވެ. އެއީ އަންނަ އާދިއްތަ ދުވަހުގެ ރޭގަނޑު 11:30 ގެ ކުރިންނެވެ.
އެ ވަގުތު ހަމަވާއިރު ނުނަގާ އުޅަނދުތައް ޖެހިގެން އަންނަ ހޯމަ ދުވަހުން ފެށިގެން ޓޯކޮށްގެން ގެންދާނެ ކަމުގެ އިންޒާރު ފުލުހުންގެ އިއުލާނުގައި ވަނީ ދީފަ އެވެ.
އާދިއްތަ ދުވަހުގެ ރޭގަނޑުގެ 11:30 ހަމަވާއިރު ނުނަގާ އެފަދަ އުޅަނދުތައް ފުލުހުން ކަނޑައަޅާ ތަނަކަށް ގެންދާއިރުގަ އާއި ގެންދިއުމަށް ފަހު ލިބޭ ގެއްލުމަކަށް ވެސް ފުލުހުން ޒިންމާ ނުވާނެ ކަމަށް ބުންޏެވެ.
"އަދި ޓޯކުރެވޭ އުޅަނދުތައް ޓޯކުރުމަށް ފަހު، ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަން ޖެހޭނީ އުޅަނދުގެ ވެރިފަރާތުން ކަމުގައި ވެސް ދެންނެވީމެވެ،" ފުލުހުން އިއުލާނުގައި ބުންޏެވެ.
މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ފުލުހުން ދޭތެރެދޭތެރެއިން ނެގި ނަމަވެސް އެކަށީގެންވާ ހައްލެއް ނާދެ އެވެ. ހާއްސަކޮށް ރަޖިސްޓަރީ ނުކޮށް، ސަތަރި އަޅާފައި ބަހައްޓާފައިވާ ބައެއް އުޅަނދުތަކާ ހެދި އެތައް ބަޔަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ އެވެ.