ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ. 

ފުލުހުން މިއަދު ބުނީ ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ "ގޫގުލް ޑްރައިވް" އަށް އަޕްލޯޑްކުރުމާއި އިލެކްޓްރޯނިކް އެކި ވަސީލަތްތަކުގައި އެފަދަ ތަކެތި ރައްކާކޮށް، ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މި މަހުގެ 13 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރީ ބ. ކުޑަރިކިލު، ހުޅެވި، އަލީ ނާޖިހު އަހްމަދު، 29، އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ފަހަރު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކުރި ކަމަށެވެ. އެ މުއްދަތު ހަމަވުމުން އިއްޔެ އަލުން ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އިތުރު ހަސް ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

ކުޑަކުދިންގެ އޮރިޔާން މަންޒަރުތައް ހިމެނޭ ފޮޓޯ އާއި ވީޑިއޯ ގެންގުޅޭ މީހުންގެ މައްސަލަތަކަކީ، އެ އިދާރާ އިން އިސްކަންދީގެން ތަހުގީގު ކުރަމުން އަންނަ ސީރިއަސް މައްސަލަތަކެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.