ބީއެމްއެލް އެޕް މެދުވެރިކޮށް މެޑިކަލް ޑޮލަރަށް އެދެވޭނެ ފަސޭހަ އިންތިޒާމެއް އެ ބޭންކުން މިއަދު ހަމަޖައްސައިފި އެވެ. 

ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުންނަށް އެ ބޭންކުގެ އެޕް މެދުވެރިކޮށް ޑޮލަރަށް އެދި ހުށަހެޅޭނެ ފަސޭހަ އިންތިޒާމެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. 

އެ ހިދުމަތަށް މިހާރުން ފެށިގެން ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަމަކާ އެކު ހުށަހެޅޭނެ ކަމަށާއި، އަދި ޑޮލަރު ގަތުމަށް އެދި ހުށަހަޅާއިރު ބޭނުންވާނެ ލިޔެކިޔުންތަކާއި މައުލޫމާތު އެޕް މެދުވެރިކޮށް ހުށަހަޅައި، އެޕްލިކޭޝަންގެ ސްޓޭޓަސް ވެސް އެޕުން ބަލައިލެވޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ. 

މީގެ ކުރިން މެޑިކަލް ޑޮލަރަށް އެދެވެނީ އެޕް މެދުވެރިކޮށް ފޮނުވާ މެސެޖަކުންނެވެ. އެކަމަކު، މިހާރު ބީއެމްއެލް އެޕްގައި ވަނީ މެޑިކަލް ޑޮލަރަށް އެދެވޭނެ ހާއްސަ ފީޗާއެއް ހިމަނައިފަ އެވެ. 

އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ދަތުރުކުރާ މީހުންނަށް 2،000 ޑޮލަރާ ހަމައަށް ބޭންކުން ޑޮލަރު ވިއްކަ އެވެ. އަދި އަމިއްލަ ގޮތުން ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް 1،000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކަ އެވެ. 

ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށް ދާ ދިވެހިންނަށް ޑޮލަރު ޖަމާކޮށްދޭނީ ހުށަހަޅާ ފަރާތުގެ ބީއެމްއެލް އެކައުންޓަށެވެ.