ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންނާއި ސިނާއީ ރަށްތަކާއި ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓްރީކުރި މީހުން، އެހެން ތަންތަނަށް އަލުން ރަޖިސްޓްރީވާން ފުރުސަތު ދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަކިވަކިން ކުރި ދެ އިއުލާނުގައި ވަނީ އަންނަ އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ހިޔާލު ނެގުމުގެ ވޯޓުގައި، ވޯޓުފޮށި ނުބަހައްޓަން ނިންމި ތަންތަން އާއްމުކޮށްފަ އެވެ. އޭގެ ތެރޭގައި؛

- އަށާވީސް ރިސޯޓެއް

- ހުޅުލެ، ތިލަފުށި އަދި ގދ. ކާޑެއްދޫ

- މެލޭޝިޔާ

- ލަންކާ

އެ ތަންތަނުގައި ވޯޓުފޮއްޓަށް ރަޖިސްޓްރީވި މީހުން، މާދަމާގެ މެންދުރު ފަހު 1:30 ގެ ނިޔަލަށް ރީ-ރަޖިސްޓްރީވާން ވަނީ ހުޅުވާލައިފަ އެވެ.

އޭގެ އިތުރުން، ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ މައުލޫމާތު އާއްމުކޮށް، ރީ-ރަޖިސްޓްރީވާން އެ މީހުންނަށް ވެސް ވަނީ ފުރުސަތު ދީފަ އެވެ.

އީސީން ބުނީ އެ ތަންތަނަށް ރަޖިސްޓްރީވެފައި ތިބި މީހުންނަށް އަލުން ރަޖިސްޓްރީވާން މާދަމާ މެންދުރުފަހު 1:30 އާ ހަމައަށް މުއްދަތު ދީފައިވާ ކަމަށެވެ. 

ރީ-ރަޖިސްޓްރީކުރުމުގެ މުއްދަތު މިދިޔަ އާދިއްތަ ދުވަހު ހަމަވިއިރު ފޯމު ހުށަހެޅީ 26،454 މީހުންނެވެ. އެކަށީގެންވާ ވަރަށް މީހުން ރަޖިސްޓްރީނުވާތީ ބައެއް ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ރާއްޖެއިން ބޭރުގައި ވެސް ވޯޓުފޮށި ނުބަހައްޓަން ވަނީ ނިންމައިފަ އެވެ.