އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލި ރޭ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ގެއަށް ފައިސާ ކޮތަޅެއް ގެންދިޔަ ކަމަށް ދައުލަތުން ތުހުމަތުކުރި ނަމަވެސް، އެ ރޭ ކޮތަޅެއްގައި އެ ގެއަށް ގެންދިޔައީ ސޭންޑްވިޗެއް ކަމަށް ޝަމްއާންގެ ދިފާއީ ހެއްކަކު ބުނެފި އެވެ. 

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އޭނާގެ އަތުން ފަސް ލައްކަ ރުފިޔާ ނެގި ކަމަށް ބުނެ ޝަމްއާން ހައްޔަރުކޮށް،  ފޭރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގެ އިތުރުން މަނީލޯންޑްރިންގެ ދައުވާ އޭނާގެ މައްޗަށް ކުރެ އެވެ.

އެ ދައުވާތަކުން ސަލާމަތްވުމަށް ޝަމްއާންގެ ފަރާތުން ދިފާއީ 10 ހެއްކެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އޭނާގެ އާއިލާ މެންބަރުންނާއި އެކުވެރިންނެވެ. އިއްޔެ ކްރިމިނަލް ކޯޓުގައި 1:30 އިން 5:00 އާ ހަމައަށް މެދުނުކެނޑި ކުރިއަށްދިޔަ އަޑުއެހުމުގައި ނުވަ މީހަކު ހެކިބަސް ދިނެވެ. 

މީގެ ތެރެއިން ބައެއް ހެކި ހުށަހަޅާފައިވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލި ރޭ އެ ތަނުގެ ދެ އޮފިސަރަކު އެ ބިދޭސީ މީހާގެ އަތުން ފައިސާ ނަގައިގެން، އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ދައުލަތުން ބުނާ ބުނުން ދޮގުކުރުމަށެވެ. ޝަމްއާންގެ ގެއަށް ފައިސާ ހުރި ކޮތަޅު ގެންދިޔަ ކަަމަށް ތުހުމަތު ވަނީ ކުށަށް އިއުތިރާފުވެފައިވާ އިމިގްރޭޝަންގެ ދެ އޮފިސަރުން ކަމަށްވާ މ. ހަޒާރީވިލާގެ، އަހުމަދު ލައްސާން އަދި ގ. ހެޕީ ސައިޑް އިބްރާހީމް އަހުމަދެވެ. 

އިއްޔެ ކޯޓުގައި ހެކިބަސް ދެމުން ޝަމްއާންގެ ގާތް އެކުވެރިއެއް ކަމަށްވާ ޝަމްލޮ މުހައްމަދު ވަހީދު ބުނީ އެ ރޭ އޭނާ ހޭދަކުރީ ޝަމްއާންގެ އެޕާޓްމެންޓްގައި ކަމަށާއި ލައްސާނާއި އިބްރާހިމް އެ ގެއަށް ދިޔަ އިރު ވެސް އޭނާ އެ ގޭގައި ހުރި ކަމަށެވެ. އޭނާ އެ ގޭގައި ތިބީ އޭނާގެ އިތުރު އެކުވެރިއަކާ އެކު، ޝަމްއާންގެ އަންހެނުން އިދުފާ ފާއިޒާއި އޭނާގެ ދައްތަ އަދި ދައްތަގެ ފިރިމީހާއާ އެކު ތާސްކުޅެން ކަމަށް ވެސް ބުންޏެވެ. 

ޝަމްލޮ ބުނި ގޮތުގައި އެ ރޭ ދަންވަރުގެ ވަގުތެއްގައި ލައްސާނާއި އިބްރާހިމް އެ ގެއަށް އައިސް ބެލް ޖެހުމުން ދޮރު ހުޅުވީ އޭނާ އެވެ. އޭރު ލައްސާންގެ އަތުގައި ކޮތަޅެއް އޮތް ކަމަށާއި އެ ކޮތަޅު އޭނާ ޖަހައިގަތީ ކަމަށެވެ. 

އެ ކޮތަޅުގެ ތެރޭގައި އޮތީ ސޭންޑްވިޗެއްގެ ދެ ފަޅި ކަމަށާއި އެއްިން އެއް ފަޅި ނެގުމަށްފަހު ކޮތަޅު ލައްސާންގެ އަތަށް ދިނީ ކަމަށް ޝަމްލޮ ބުންޏެވެ. އެހެން ހެދުމުން ލައްސާން ހިތްހަމަނުޖެހުނު ކަމަށާއި އެއީ ބަނޑުހައިވެގެން ގަތް އެއްޗެއް ކަމަށް ބުނި ކަމަށް ވެސް ޝަމްލޮ ބުންޏެވެ. އެ ހިތްހަމަނުޖެހުމުގެ ތެރެއިން ކޮތަޅާ އެކު ލައްސާން ވަދެގެން ދިޔައީ، އެ އެޕާޓްމެންޓަށް ގޮސް އުޅޭ މީހުން ބޭނުންކޮށް އުޅޭ، އެ ގޭގެ މެއިޑް ރޫމްގެ ތެރެއަށް ކަމަށް އޭނާ ބުންޏެވެ. 

ޝަމްލޮ ބުނި ގޮތުގައި ލައްސާންއާ އެކުވެރިކަން އުފެދިފައިވަނީ ޝަމްއާންއާ އެކު އުޅުމުގެ ތެރެއިންނެވެ.

މެއިޑް ރޫމްގައި ލައްސާން ކުރި ކަމެއް ނޭނގޭ ކަމަށާއި ނަމަވެސް، ގާތްގަނޑަކަށް 10 މިނެޓް ފަހުން އެ ކޮޓަރިން ނުކުމެ، ކޮތަޅު ބޮނޑިކޮށްލާފައި އިބްރާހިމްއާ ދިމާއަށް އެއްލި ކަމަށް ޝަމްލޮ ބުންޏެވެ. އެއަށް ފަހު އެ ގޭގައި މަޑުނުކޮށް ދެ މީހުން ނުކުމެގެން ދިޔައީ ކަމަށެވެ. ބެލެވޭ ގޮތުގައި ލައްސާން އެ ގެއަށް އައީ ފާހަނާ ކޮށްލަން ކަމަށް އޭނާ ބުންޏެވެ.

އެ ރޭ ލައްސާނާއި އިބްރާހިމް، ޝަމްއާން ކޮބައިތޯ އެހި ކަމަށާއި ނަމަވެސް، އެ މީހުންނާ ޝަމްއާން ދިމާނުވާ ކަމަށް ވެސް ހެކިބަސް ދެމުން ބުންޏެވެ. އޭނާ ބުނި ގޮތުގައި، އެ ރޭ ޝަމްއާން އޮތީ ބޮލުގައި ރިއްސާތީ އޭނާގެ ކޮޓަރީގެ ނިދައިފަ އެވެ. 

އޭނާއަކީ ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ޝަމްއާންގެ ގޭގައި ވަގުތު ހޭދަކުރާ މީހެއް ކަމަށާއި އެ ރޭގެ ވާހަކަތައް އެހާ ބޮޑަށް ހަނދާން ހުރީ ލައްސާން ހިތްހަމަނުޖެހުމުން ކަމަށް ވެސް ޝަމްލޮ ބުންޏެވެ. އޭނާއަށް ފަހު ދެން ހެކިބަސް ދިނީ އެ ރޭ އެތަނުގައި ހުރި ޝަމްއާންގެ އަންހެނުންގެ ޅިއަނެވެ. 

އިބްރާހިމް ނައީމް ބުނި ގޮތުގައި ޝަމްލޮ އާއި ލައްސާންއާ ދެމެދު ސަކަރާތް ޖެހި ތަން ފެނުނު ކަމަށާއި އޭނާގެ އަތުން އެއްޗެއް އަތުލި ތަން ވެސް ފެނުނު ކަމަށެވެ. ނަމަވެސް، އެއީ ކޯއްޗެއް ކަމެއް ނޭނގޭ ކަމަށް ބުންޏެވެ. ލައްސާނާއި އިބްރާހިމް ވެސް އެ ރޭ އެ ގޭގައި މާގިނައިރު މަޑުނުކުރާ ކަަމަށާއި އެ މީހުންނާ ޝަމްއާންއާ ބައްދަލު ވެސް ނުވާ ކަމަށް ބުންޏެވެ. 

ޝަމްއާންގެ އަންހެނުން އިދުފާ ފާއިޒު ވެސް ވަނީ ހެކިބަސް ދެމުން އެ ރޭގެ ވާހަކަތައް ހިއްސާކޮށްފަ އެވެ. އޭނާ ބުނީ އެ ރޭ ޝަމްއާން އޮތީ އޭގެ ކުރީ ރޭ ނިދި ހަމަނުވާތީ ނިދަން ކަމަށެވެ. ލައްސާނާއި އިބްރާހިމަކީ ވެސް އެ ގެއަށް އާންމުކޮށް އައިސް އުޅޭ ދެ މީހުން ކަމަށާއި އޭނާގެ އޮންލައިން ޕޭޖްގެ ޑެލިވަރީ ވެސް ކޮށްދެނީ ލައްސާން ކަމަށް ބުންޏެވެ. 

އެ ރޭ ލައްސާނާއި އިބްރާހިމް ވެސް އެ ގެއަށް ދިޔަ ކަމަށާއި އެ މީހުން ގޭގައި ހޭދަވާނީ ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓް ކަމަށް އިދުފާ ބުންޏެވެ. ލައްސާން ގެއަށް އައިރު ކޮންމެ ވެސް އެއްޗެއް ގެނައި ކަަމަށާއި ނަމަވެސް، އެއީ ކޮން އެއްޗެއް ކަމެއް ނޭނގޭ ކަމަށް ބުންޏެވެ. ގެސްޓް ރޫމަށް ވަނުމަށް ފަހު، ޝަމްއާން ކޮބައިތޯ އެހުމަށް ފަހު ނުކުމެގެން ދިޔައީ ކަަމަށް އިދުފާ ބުންޏެވެ. ޝަމްއާނާއި ލައްސާން ބައްދަލުނުވާ ކަމަށް އޭނާ ވެސް ބުންޏެވެ. 

އެ ރޭ ޝަމްއާން ކޮޓަރިން ބޭރަށް ނުކުތީ ލައްސާނާއި އިބްރާހިމް ދިޔަ ފަހުން ހާރު ކާން، އިދުފާގެ މައިންބަފައިންގެ ގެއަށް ދާން ކަމަށް ވެސް އޭނާ ބުންޏެވެ. 

އިދުފާ ބުނި ގޮތުގައި އެ މީހުންގެ އެޕާޓްމަންޓަކީ އެކުވެރިންނާއި އިމިގްރޭޝަންގެ ވަރަށް ގިނަ އޮފިސަރުން ހޭންގްއައުޓްކުރާ ތަނެކެވެ. އެގޮތުން ވަރަށް ގިނަ އޮފިސަރުން އެޕާޓްމެންޓަށް ގޮސް އުޅޭ ކަމަށް ބުންޏެވެ. 

މި މައްސަލައާ ދައުލަތުގެ ހެއްކެއްގެ ގޮތުން ޝަމްއާންއާ ދެކޮޅަށް ހެކިބަސް ދެމުން ލައްސާން ބުނެފައިވާ ގޮތުގައި، ބިދޭސީ މީހާ ދޫކޮށްލުމަށް ފަހު، ރައީސް އޮފީސް ކުރިމަތީގައި ކާރު ޕާކްކޮށް، ދެވަނަ އޮފިސަރުގެ ސައިކަލު ފަހަތަށް އެރުމުން އެ އޮފިސަރު ލައްސާންގެ އަތަށް ކޮތަޅެއް ދިނެވެ. އެ ކޮތަޅު ޝަމްއާނާ ހަވާލުކުރަން ދާންޖެހޭ ކަމަށް ބުނުމުން އެ އޮފިސަރާ އެކު، ޝަމްއާންގެ ގެއަށް ދިޔަ ކަމަށާއި އެ ކޮތަޅު ހުޅުވިއިރު ފައިސާ ހުރި ކަމަށް ވެސް ލައްސާން ބުންޏެވެ. އެހެންވެ، ދެވަނަ އޮފިސަރާ އެކު، ޝަމްއާން ދިރިއުޅޭ ގެއަށް ގޮސް، އެ ކޮތަޅު ޝަމްއާންގެ އަތަށް ދިން ކަމަށް ލައްސާންގެ ހެކިބަހުގައި ބުންޏެވެ.

ލައްސާން ބުނި ގޮތުގައި، ޝަމްއާންގެ އަތަށް ކޮތަޅު ދިނުމުން އޭގެ ތެރެއިން ދެ ބޮނޑި ފައިސާ އަނެއް އޮފިސަރުގެ އަތަށް ޝަމްއާން ދިނެވެ. ނަމަވެސް ކޮތަޅުގައި ހުރި ފައިސާގެ އަދަދެއް ނޭނގޭ ކަމަށް ލައްސާން ބުންޏެވެ.

ލައްސާން ބުނި ގޮތުގައި އޭގެ ކުރިން އެ ބިދޭސީ މީހާ ގޮވައިގެން ކާރުގައި ދިޔަ ވަގުތު ދެވަނަ އޮފިސަރު އެހެން މީހަކާ ފޯނުން ވާހަކަ ދައްކަމުން 30،000ރ. ގެ ވާހަކައެއް ދެއްކި އެވެ. އަދި ސްޕީކަރަށް ލައިގެން ފޯނުން ވާހަކަ ދެއްކިއިރު އެއީ ކާކުކަން ނޭނގުނަސް، ޝަމްއާންގެ އަޑާ ވައްތަރު ކަމަށް ލައްސާން ބުންޏެވެ.

ޝަމްއާނަށް ކުރާ ދައުވާގައި ބުނަނީ ހިފެހެއްޓި ބިދޭސީންގެ ތެރެއިން 530،000ރ. އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށެވެ. އަދި ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން، ޑިޓެއިނުން ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން އެ އޮފިސަރުން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަމަށެވެ. 

ޝަމްއާން ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާގެ ތެރެއިން އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 250،000ރ. ދައުލަތަށް ނަގައިދިނުމަށާއި ޝަމްއާންގެ އަތުގައި ބެހެއްޓި ޖުމްލަ 400،000ރ. އާއި ބާކީ 150،000ރ. ގެ ބަދަލުގައި އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާތަކުގެ ތެރެއިން އެ އަދަދަށްވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުވާފައި އެދިފައި ވެ އެވެ. ބިދޭސީމީހާގެ އަތުން ފޭރުނު ކަމަށް ބުނާ ފައިސާއަށްވާ ބަދަލު ނަގައިދިނުމަށް ވެސް ދައުލަތުން އެދިފައިވެ އެވެ.