ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލާގައި އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގައި އޭނާގެ މަންމަ އާއި ބައްޕަ އަދި އަނބިމީހާ ހެކިބަސް ދީފި އެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ.
މި ދައުވާތަކުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވިއިރު، އަޑުއެހުމުގައި ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. އޭނާގެ ފަރާތުން 10 މީހެއް ހެކިންގެ ގޮތުގައި ހުށަހަޅިއިރު، އޭގެ ތެރޭގައި އަނބިމީހާ އައި މައިންބަފައިން ހިމެނެ އެވެ.
އެ ތިން މީހުން ޝަމްއާންގެ ދިފާއީ ހެއްކެއްގެ ގޮތުގައި މައިގަނޑު ގޮތެއްގައި ހުށަހެޅީ ޝަމްއާން ނަގާފައިވާ ސްޓޫޑެންޓް ލޯނަށް ފައިސާ ދައްކާފައިވާ ކަމާއި އެ ފައިސާއަކީ އޭނާއަށް އޭނާގެ ބައްޕަ ދިން ފައިސާތަކެއް ކަން ސާބިތުކުރުމަށެވެ.
ދައުލަތުން ތުހުމަތު ކުރާ ގޮތުގައި ބިދޭސީއެއް ހިފެހެއްޓިއިރު އޭނާގެ އަތުން އަތުލި 500،000ރ. ޝަމްއާން ފޭރިގަނެ އޭގެ ތެރެއިން 400،000ރ. އޭނާގެ އަތުގައި ބަހައްޓާފައިވެ އެވެ. އަދި ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމުގެ ގޮތުން ބޭންކު އޮފް މޯލްޑިވްސްގެ ލޯން އެކައުންޓަށް 149،491.46 ރުފިޔާ އާއި އެހެން ލޯނު އެކައުންޓަކަށް 110،345.59 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ޝަމްއާނަށް ކުރި ދައުވާގައި ބުނެފައިވެ އެވެ.
ޝަމްއާންގެ ބައްޕަ އިބްރާހިމް ވަހީދު ހެކިބަސް ދެމުން ބުނީ، ޝަމްއާންގެ ލޯނު ނުދައްކާ އޮތުމުން އެކަމާ ކަންބޮޑުވާތީ، އެ ލޯނު ދައްކަން އޭނާ އަށް ތިން ލައްކަ ރުފިޔާ ދީފައިވާނެ ކަމަށެވެ. އެ ފައިސާ ދިނީ ނަގުދު ފައިސާގެ ގޮތުގައި ކޮތަޅަކަށް ލާފައި ކަމާއި އޭނާއަކީ އާންމުކޮށް ނަގުދު ފައިސާ ގޭގައި ބަހައްޓާ މީހެއް ކަމަށް ވެސް ބުންޏެވެ.
އިބްރާހިމް ވަހީދު ބުނި ގޮތުގައި އޭނާއަކީ ފިހާރަ އާއި ކެފޭ ހިންގައިގެން ފައިސާ ހޯދާ އަދި އެޕާޓްމެންޓް ކުއްޔަށް ދީގެން ވެސް އާމްދަނީ ލިބޭ މީހެކެވެ. ޝަމްއާންގެ މަންމަ މުރުޝިއާ ވެސް ވަނީ އެ މަސައްކަތްތަކުން އެ ގެއަށް ރަނގަޅު އާމްދަނީއެއް ލިބޭ ކަން ފާހަގަކޮށްފަ އެވެ.
މުރުޝިއާ ބުނި ގޮތުގައި ޝަމްއާންގެ ލޯނު ދައްކަން ފިރިމީހާ އަދި ޝަމްއާންގެ ބައްޕަ އިބްރާހިމް ވަހީދު ފައިސާ ދިން ތަނުގައި އޭނާ ވެސް ހުއްޓެވެ. އެ ފައިސާ ދިނީ ޝަމްއާންގެ އަންހެނުން އިދުފާ ފާއިޒުގެ ވެސް ހާޒިރުގަ އެވެ.
އިދުފާ ހެކިބަސް ދެމުން ބުނީ، އެ ދުވަސްވަރު ޝަމްއާންގެ ކާރު ވިއްކާލައިގެން ވެސް އޭނާ އަށް ނަގުދު ފައިސާތަކެއް ލިބުނު ކަމަށެވެ. އެގޮތުން އެޑްވާންސް ޕޭމެންޓްގެ ގޮތުގައި 10،000 ޑޮލަރާއި 250،000ރ. ލިބުނު ކަން އޭނާ ފާހަގަކުރި އެވެ.
އެ ކާރު ވިއްކީ އަހުމަދު މުހައްމަދު ވަހީދު ކިޔާ ޝަމްއާންގެ ރައްޓެސަކަށެވެ. އޭނާގެ ނަން ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. އެކަމަކު، އޭނާގެ ހެކިބަހާ ނުލާ ކުރިއަށް ދާން ދިފާއުން ވަނީ ނިންމައިފަ އެވެ. ކާރު ވިއްކާލި އެއްބަސްވުން ހުށަހަޅާފައިވާއިރު އޭގައި ހެކިންގެ ގޮތުގައި ސޮއިކުރި ޝަމްއާންގެ ދެ އެކުވެރިން ވެސް މިއަދު ހެކިބަސް ދީފައިވެ އެވެ.
އެގޮތުން ހެކިބަސް ދެމުން އައިމިނަތު ނަޝާޔާ ބުނީ، ހެކިވެރިއެއްގެ ގޮތުގައި އެއްބަސްވުމުގައި ސޮއިކުރި ކަމަށާއި އެ ދުވަހު އެޑްވާންސްގެ ގޮތުގައި ޑޮލަރާއި ރުފިޔާ ހިމެނޭހެން ނަގުދު ފައިސާ ޝަމްއާންއާ ހަވާލުކުރި ކަމަށެވެ. ފާރިހު މުހައްމަދު ބުނީ ކާރު ވިއްކާލި ހަ ލައްކަ ރުފިޔާ އަށް ކަމަށާއި އެޑްވާންސްގެ ގޮތުގައި ޝަމްއާންއާ ފައިސާ ހަވާލުކޮށް، އެ ގުނިއިރު އެ ތަނުގައި ހުރި ކަމަށެވެ.
އިމިގްރޭޝަންގައި މަސައްކަތް ކުރާ ޝަމްއާންގެ ގާތް އެކުވެރިއެއް ކަމަށްވާ އާފިއު މުހައްމަދު ވެސް މިއަދު ހެކިބަސް ދިނެވެ.
އޭނާއަކީ ނަގުދު ފައިސާ ޝަމްއާން އަތުން ހިފައިގެން ގޮސް ލޯނަށް ފައިސާ ދައްކަން ބޭންކަށް އެ ޖަމާކުރި މީހާ އެވެ. އޭނާ ބުނި ގޮތުގައި އެއީ ޝަމްއާނަށް ބައްޕަ ދިން ފައިސާ ކަމަށް އޭނާ ބުނި ކަމަށެވެ.
އެ ފައިސާ އޭނާ ހަވާލުކުރީ ވެލާނާގެ ބޭރުން ކޮތަޅެއްގައި ކަމަށާއި އެ ފައިސާ ހިފައިގެން ގޮސް ބޭންކަށް އޭނާ ޖަމާކުރީ ކަމަށް ބުންޏެވެ. ނަމަވެސް، އޭގައި ހުރި ފައިސާގެ އަދަދެއް އޭނާއަކަށް ނޭނގެ އެވެ. އެންމެ ފުރަތަމަ އެކަން ކޮށްދިނުމަށް ޝަމްއާން އޭނާގެ ގާތު އެދުނީ ރޯދަ މަސް ފެށުމުގެ ކުރިން ކަމަށާއި ނަމަވެސް އޭނާއަށް ވަގުތު ނުވީ ކަމަށެވެ. ފައިސާ ބޭންކަށް ޖަމާކޮށްފައިވަނީ ރޯދަ މަހުގެ ތެރޭގަ އެވެ. އެއީ ޝަމްއާން ހައްޔަރުކުރިތާ ހަފުތާއެއް ވަރު ކުރި އެވެ.
ޝަމްއާންއަށް ކުރާ ދައުވާގައި ބުނަނީ ހިފެހެއްޓި ބިދޭސީންތަކުގެ ތެރެއިން 530،000ރ. އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށެވެ. އަދި ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން، ޑިޓެއިނުން ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން އެ އޮފިސަރުން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަމަށެވެ.
ޝަމްއާން ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާގެ ތެރެއިން އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 250،000 ރުފިޔާ ދައުލަތަށް ނަގައިދިނުމަށާއި ޝަމްއާންގެ އަތުގައި ބެހެއްޓި ޖުމްލަ 400،000 ރުފިޔާގެ ބާކީއަށްވާ 150،000 ރުފިޔާގެ ބަދަލުގައި އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާތަކުގެ ތެރެއިން އެ އަދަދަށްވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުވާފައި އެދިފައި ވެ އެވެ. ބިދޭސީމީހާގެ އަތުން ފޭރުނު ކަމަށް ބުނާ ފައިސާއަށްވާ ބަދަލު ނަގައިދިނުމަށް ވެސް ދައުލަތުން އެދިފައިވެ އެވެ.