މި ފެށޭ މާޗު މަހުގެ ތެރޭގައި މުޅި ރާއްޖެއަށް ފިނިހޫނުމިން އާންމު މިންވަރަށް ވުރެ ކުޑަކޮށް މަތިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ. 

މެޓް އޮފީހުގެ ރެކޯޑްތަކުން އެނގޭ ގޮތުގައި، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހުސާސްކުރެވޭ ހޫނުމިން މި ހަފުތާގައި ވަނީ 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް އަރައިފަ އެވެ. 

މެޓުން ބުނީ މުޅި ރާއްޖޭގައި ވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރު ވެސް، އާންމު މިންވަރަކަށް ވުރެ ކުޑަތަންކޮޅެއް މާޗު މަހުގެ ތެރޭގައި މަތިވާނެ ކަމަށެވެ. 

އިރުވައި މޫސުން ފަށައި، ޖެނުއަރީން ޖޫން މަހާ ހަމައަށް އެއީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އަދި އާންމުކޮށް އެންމެ ހޫނުގަދަވަނީ އެޕްރީލް މަހު އެވެ.

އިހުސާސްކުރެވޭ ހޫނުމިން މިހާތަނަށް އެންމެ މައްޗަށް ގޮސްފައި ވަނީ އެޕްރީލް 1، 2024 ގައި މާލެއަށެވެ. އެ ދުވަހު މާލެއަށް ހޫނުމިން އިހުސާސް ކުރެވޭ ވަރު 48 ޑިގްރީ ސެލްސިއަސްއަށް އެރި އެވެ. 

އާންމު ވައިގެ ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވަނީ މި ދުވަސްވަރު ވައި މަޑުކަމުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުންނާތީ އެވެ.

މި ލަފާކުރުންތަކަށް ބަލާއިރު، މާޗް މަހުގެ ތެރޭގައި ރާއްޖޭގެ މެދުތެރެ އާއި ދެކުނުގެ އަތޮޅުތަކަށް އާދައިގެ މިންވަރަށް ވުރެ މަދުން ވާރޭވެހޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި އުތުރުގެ އަތޮޅުތަކަށް ވާރޭވެހޭނީ އާދައިގެ މިންވަރަކަށް ނުވަތަ އެއަށްވުރެ ކުޑަކޮށް މަދުން ކަމަށް ބެލެވެ އެވެ. ހަމައެއާ އެކު، މުޅި ރާއްޖޭގެ ފިނިހޫނުމިން ވެސް އާދައިގެ މިންވަރަށް ވުރެ ކުޑަކޮށް މަތިވާނެ ކަމަށް ލަފާކުރެވޭއިރު، ދުވާލުގެ އެންމެ މަތީ ފިނިހޫނުމިނާއި ރޭގަނޑުގެ އެންމެ ދަށް ފިނިހޫނުމިން ވެސް ހުންނާނީ އާންމު މިންގަނޑަށް ވުރެ މަތީގަ އެވެ.

އެ ރިޕޯޓުގައި ވަނީ މިއަހަރުގެ ހޫނު މޫސުމާ ހިލާފަށް މިދިޔަ އަހަރުގެ މާޗު މަހަކީ ވާރޭވެހޭ މިންވަރަށް އާދަޔާ ހިލާފު ބަދަލުތަކެއް އައި މަހެއް ކަމަށެވެ. މެޓުން ބުނި ގޮތުގައި މިދިޔަ މާޗުގައި ހުޅުލެއަށް އާންމުކޮށް ވެހޭ ވާރޭގެ ފަސް ގުނަ އިތުރަށް ވާރޭވެހުނެވެ. އެކަމަކު ރާއްޖޭގެ ދެކުނުގެ ސަރަހައްދުތައް ކަމަށްވާ، ކައްދޫ އާއި ކާޑެއްދޫ އާއި ގަން ފަދަ ރަށްތަކަށް ވެހުނު ވާރޭގެ މިންވަރު އާދަޔާ ހިލާފަށް ދަށްވި ކަމަށް ރިޕޯޓުގައިވެ އެވެ.

މެޓުން ބުނީ 1991-2025 އާ ހަމައަށް އެއްކުރެވިފައިވާ ހިސާބުތަކަށް ބަލާއިރު މާޗު މަހު އެވްރެޖްކޮށް ހޫނުމިން އުޅެނީ 30.5 ޑިގްރީ ސެލްސިއަސް އާއި 30.9 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި ކަމަށެވެ. އެންމެ ދަށްކޮށް ހޫނުމިން ރިކޯޑު ކުރެވިފައި ވަނީ 24.5 ޑިގްރީ ސެލްސިއަސް އާއި 25.8 ޑިގްރީ ސެލްސިއަސް އަށެވެ.

ކުރިއަށް އޮތީ ހޫނުގަދަ އަދި ވާރޭވެހުން މަދު މަހަކަށް ވުން އެކަށީގެންވާތީ، އާންމުން އަދި ހާއްސަކޮށް ދަނޑުވެރިކަމާއި، މަސްވެރިކަމުގެ އިތުރުން ފެނުގެ ވަސީލަތްތައް ބެލެހެއްޓުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަންދީ ދުރާލައި ތައްޔާރުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.