އދ. ދިގުރަށުގައި ބިދޭސީން އުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް ބިދޭސީއަކު މަރުވެ ތިން މީހަކު ވަރަށް ބޮޑަށް ފިހި ޒަހަމްވެއްޖެ އެވެ.
ފުލުުހުން ބުނީ މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ.
މި ހާދިސާގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށާއި މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ހިމެނޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، އެކޮމަޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރާ އެ ގޭގައި ރޯވީ ގޭސް ލީކުވުމުގެ ސަބަބުންނެވެ. ނަމަވެސް ހާދިސާ ހިނގި ގޮތާ ބެހޭ ގޮތުން ރަސްމީ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އަލިފާން ރޯވީ ދެ މީހަކު ދަންވަރު ކައްކަން އުޅެނިކޮށް ކަމަށާއި އެ ވަގުތު އެހެން މީހުން ތިބީ ގޭތެރޭގައި ނިދާފައި ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 2:00 ހާއިރު އެވެ.