ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުނު ހުސައިން ސަނީ އުމަރުގެ މައްޗަށް ފަސް ދައުވާއެއް ކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ. 

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ސަނީގެ މައްޗަށް އުފުލީ ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ތިން ދައުވާ އާއި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އަދި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އެވެ. 

މީގެ ތެރެއިން ފުރަތަމަ ދައުވާ އުފުލީ ފިރިހެން ކުއްޖެއްގެ އުމުރުން ހަތް އަހަރު ފުރުމުގެ ކުރިން ފެށިގެން އޮގަސްޓު، 2025 އާ ހަމައަށް އެކިދުވަސް މަތިން އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް، އެ ކުއްޖާގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާތީ ކަމަށް ޕީޖީން ބުންޏެވެ. 

ދެވަނައަށް އުފުލީ އަންހެން ކުއްޖެއްގެ އުމުރުން 10 ނުވަތަ 11 އަހަރުގައި އެ ކުއްޖާ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާ ކަމަށް ތުހުމަތުކޮށެވެ. އަދި ތިންވަނަ އަށް އުފުލާފައިވަނީ ވެސް އަންހެން ކުއްޖެއްގެ އުމުރުން ނުވަ ނުވަތަ 10 އަހަރުގައި އެ ކުއްޖާގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލި ކަމަށް ތުހުމަތުކޮށް ކަމަށް ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ. 

ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. 

އަދުލު އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ދައުވާ އުފުލާފައިވަނީ ސަނީ އުމަރުގެ ފޯނުގައި މައްސަލައާ ގުޅޭ ހެކި ގަރީނާ ހުރިކަމަށް ތުހުމަތު ކުރެވިގެން، ކްރިމިނަލް ކޯޓުން އޭނާގެ ފޯނު ފުލުހުންނާ ހަވާލުކުރުމަށް އަމުރުކޮށްފައި ވަނިކޮށް، ފޯނު ގެއްލިފައިވާ ކަމަށް ބުނެ އެ ފޯނު ފުލުހުންނާ ހަވާލުކޮށްފައި ނުވާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. 

ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ސަނީ ގެންގުޅުނު ކަމަށް ބެލެވޭ ފޯނުގައި ބޭނުންކުރި ސިމް ނަންބަރާއި ސިމްގެ ބާވަތާ ގުޅޭގޮތުން ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީ އެވެ. އެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. 

ޕީޖީ އޮފީހުން ބުނީ އެ މައްސަލާގައި ކޮށްފައިވާ ދައުވާތައް ސާބިތުވާ ހާލަތުގައި ގާނޫނުގައި އޮންނަ އެންމެ ބޮޑު އަދަބު ކަނޑައަޅުމަށް އެދޭނެ ކަމަށެވެ. އަދި އެ ހާލަތުގައި ސަނީގެ މައްޗަށް މަދުވެގެން 44 އަހަރުގެ ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށް އެ އޮފީހުން ބުންޏެވެ. 

ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމުގައި ވެސް އިސްކޮށް އުޅުނު ސަނީ އުމަރު މި ވަގުތު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.