ކުއްޖާގެ ރޭޕްގެ ތުހުމަތުގައި ޅިޔަނުގެ މައްޗަށް ދައުވާ އުފުލައިފި

އުމުރުން 15 އަހަރުގެ ކުއްޖަކު އަންހެންކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ޅިޔަނުގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.


ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، ތުހުމަތުކުރެވޭ މީހާގެ މައްޗަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ. އޯޓިސްޓިކް ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަނީ، ފ. ފީއަލީ ފީރޯޒްގެ، އިބްރާހިމް ޝާފިއު 37، ގެ މައްޗަށެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 15-18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމެއް އަންނާނެ ކަމަށް ގާނޫނުލްއުގޫބާތާ ހަވާލާދީ ޕީޖީ އޮފީހުން ބުންޏެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ޝާފިއު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މި މަހުގެ ދެ ވަނަ ދުވަހު އެވެ.

މެދު ރާއްޖެތެރޭގެ ރަށެއްގައި ދިރިއުޅޭ އެ ކުއްޖާ ބަނޑުބޮޑުކަން އެނގުނީ މައްސަރުގެ ކަންތައް ނުޖެހި 3-4 މަސް ވުމުން ޑޮކްޓަރަށް ދެއްކުމުންނެވެ. އާއިލާގެ އެދުމުގެ މަތިން ޓެސްޓު ހަދައި ބެލިއިރު އެ ކުއްޖާގެ ބަނޑަށް ތިން މަސް ކަން އެނގުނީ ވެސް މިދިޔަ މަހުގެ 30 ގަ އެވެ.

އެ މައްސަލައާ ގުޅިގެން، ކުއްޖާ އަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި ބަނޑުގައި އޮތް ދަރިފުޅު ވަނީ އެބޯޓުކޮށްފަ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ދަރިފުޅު އެބޯޓުކުރީ ޑޮކްޓަރުންގެ ލަފާގެ މަތިންނެވެ.

ސައިކޮލޮޖިސްޓުންނާއި ޑޮކްޓަރުންނަށް ދައްކައި، ކުއްޖާއަށް އެންމެ ރަނގަޅު ގޮތަކީ އެބޯޓްކުރުން ކަމަށް ވާތީ، އެގޮތަށް ކުރިއަށް ގެންދިޔައީ ކަމަށް އެނގިފައި ވެ އެވެ. ނަފްސާނީ ގޮތުން ހުރި މައްސަލަތަކާއި ކުއްޖާގެ ހަށިގަނޑު ބަލިކަށި ކަމުން، ކުޑަކުއްޖެއް ގެންގުޅުމުގެ ގާބިލްކަމެއް އެ ކުއްޖާގެ ނެތް ކަމަށް ވެ އެވެ.