ހުޅުމާލޭގައި 1،000 ފްލެޓު އަޅަން ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން މިދިޔަ މަހު ކުރި އިއުލާނެއްގައި ވަނީ ހުޅުމާލެ 3 ގައި އިމާރާތްކުރާ "އެފޯޑަބަލް ހޯމް އޯނަޝިޕް" ގެ ހައުސިން ޔުނިޓުތައް ޑިޒައިންކުރުމާއި އެ ތަން އިމާރާތްކުރަން ޝައުގުވެރިވާ ދިވެހި ކުންފުނިތަކުން ޕްރޮޕޯޒަލް ހުށަހަޅަން އަންނަ ހޯމަ ދުވަހާ ހަމައަށް މުއްދަތު ދީފަ އެވެ.
ނަމަވެސް، ރޭ ކުރި އިއުލާނުގައި ވަނީ ޕްރޮޕޯޒަލް ހުށަހަޅަން މި މަހުގެ ނިޔަލަށް މުއްދަތު އިތުރު ކޮށްދީފަ އެވެ.
މިނިސްޓްރީން ބުނީ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި އުމްރާނީ ތަރައްގީ އަށް އެހީތެރިވުމާއި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެ ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނަށް، ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އެ މީހުންގެ ގާބިލްކަން އިތުރުކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ތިން ކޮޓަރީގެ އެޕާޓްމަންޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާ އަދި ދެ ކޮޓަރީގެ އެޕާޓްމަންޓެއް ވިއްކޭނެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާ އެވެ.
ތިން ކޮޓަރީގެ އެޕާޓްމަންޓުތަކުގައި 950 އަކަފޫޓު ހުންނާނެ އެވެ. އަދި ދެ ކޮޓަރީގެ ތަންތަނުގައި ހުންނާނީ 700 އަކަފޫޓެވެ.
"ކޮންމެ ތަނެއްގައި މަދުވެގެން 70 ޕަސެންޓު ހުންނަން ޖެހޭނީ ތިން ކޮޓަރީގެ އެޕާޓްމަންޓު. އެ ތަންތަނުގައި ކާރު ޕާކުކުރާނެ ޖާގަ ވިއްކޭނެ އެންމެ މަތީ އަގަކީ 450،000ރ،" މިނިސްޓްރީން ހިއްސާކުރި މައުލޫމާތުތަކުގައިވެ އެވެ.
އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދެމުން ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް ފަށައިފަ އެވެ.
އޭގެ ތެރެއިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް) ދަށުން ބީއެމްއެލް މެދުވެރިކޮށް ވެސް 3،000 އަށް ވުރެ ގިނަ ފްލެޓު އެޅުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
ފަސް ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން އިމާރާތް ކުރަމުން އަންނަ 3،260 ފްލެޓުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުގަ އެވެ. އެ ފްލެޓުތައް އިމާރާތް ކުރަނީ ހުޅުމާލެ 1، ހުޅުމާލެ 3 އަދި ވިލިމާލޭގަ އެވެ.