އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފަށް ފުވައްމުލަކުގައި ދުއްވި ހަތަރު ބައިސްކަލެއް މިއަދު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކުދިންތަކެއް ދުއްވި ބައިސްކަލެއް ފުލުހުންގެ ވެހިކަލަށް އަރުވަގެން ގެންދާތަން ފެންނަ ވީޑިއޯއެއް އާންމުވުމާ އެކު އެއީ ކިހިނެއް ވީ ކަމެއްތޯ އަހައި ބައެއް މީހުން ފުލުހުންނަށް ފާޑުކިޔާފައިވެ އެވެ.
ފުލުހުން ބުނީ ހަތަރު ބައިސްކަލެއް ޓޯކޮށްފައިވާނެ ކަމަށާއި އޭގެ ތެރެއިން އެއް ބައިސްކަލު ޓޯކުރީ ގަވާއިދާ ހިލާފަށް ބަދަލުތަކެއް ގެނެސްފައިވާތީ ކަމަށެވެ. އަނެއް ތިން ބައިސްކަލު ޓޯކޮށްފައި ވަނީ މަގުމަތީގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ދުއްވި މައްސަލައިގަ އެވެ.
ފުލުހުން ބުނި ގޮތުގައި އެ އުޅަނދުތައް ހިފަހައްޓާފައި ވަނީ ދުވާރުމަތިން ދުއްވުމާއި އެހެން އުޅަނދުތަކަށް ހުރަސްއެޅޭ ގޮތަށް ނުރައްކާތެރިކޮށް ޒިގްޒެގްކޮށް ދުއްވުމާއި ބައިސްކަލަށް ދެ މީހުން އަރައިގެން ދުއްވުމާ ގުޅިގެންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެއް ބައިސިކަލަށް ވަރަށް ބޮޑަށް ބަދަލު ގެނެސްފައިވެ އެވެ.
އެ ފިޔަވަޅުތައް އަޅާފައި ވަނީ މަގު ބޭނުންކުރާ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގާނޫނީ އިމުގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އާންމުކޮށް ފުލުހުން ޓޯކުރަނީ ގަވާއިދާ ހިލާފުވާއި އިންޖީނުލީ އުޅަނދެވެ. އަދި ސައިކަލާއި ކާރު ފަދަ އުޅަނދުތައް ޓޯކޮށް 15-30 ދުވަހަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަ އެވެ.
އެކަމަކު މި ބައިސްކަލުތައް ޓޯކުރީ ކިހާ މުއްދަތަކަށް ކަމެއް ފުލުހުން ނުބުނެ އެވެ.