ނިއު ޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ރާއްޖޭގެ ތުނޑުކުނަލެއް ބަހައްޓައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ތުނޑުކުނަލަކީ ރާއްޖެއިން އދ.ގެ މައި މަރުކަޒަށް ހަދިޔާކުރި ހަނދާނީ ހަދިޔާއެކެވެ.

ރާއްޖޭގެ ތުނޑުކުނަލެއް އދ. ގެ މައި މަރުކަޒުގައި ބަހައްޓަން ނިންމީ ރައީސް މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ އަށް ނިއު ޔޯކަށް ކުރެއްވި ޒިޔާރަތުގައި ކަމަށް މިނިސްޓްރީން ބުންޏެވެ. 

އ.ދ ގެ މައި މަރުކަޒުގައި ބަހައްޓާ ތުނޑުކުނާ، އދ.ގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްދެއްވީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

މިއީ ރާއްޖޭގެ އުފެއްދުމެއް އދ.ގައި ބެހެއްޓި ފުރަތަމަ ފަހަރެވެ.

މި ތުނޑުކުނަލަކީ ރާއްޖެގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ރާއްޖެ، އދ. ގެ މެންބަރަކަށް ވީތާ 60 އަހަރު ފުރުމުގެ ހަނދާނުގައި އދ.ގެ މައި މަރުކަޒުގައި ދިވެހި ފަންނު ވެރިކަން ދައްކާލުމަށް ތައްޔާރު ކުރި ކުނަލެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 

އދ. ގައި ބެހެއްޓި ތުނޑުކުނާ ފަރުމާކޮށް ވިޔުނީ، ތުނޑު ކުނާ ވިޔުމަށް ރާއްޖޭގެ އެންމެ މަޝްހޫރު، ގދ ގައްދޫގެ ބޭފުޅެކެވެ.