ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ބަޔަކު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން ދީފައިވާ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ އަހަރު އޮގަސްޓު މަހުގެ ތެރޭގަ އެވެ. ނަމަވެސް ޝައުވެރިކަން ފާޅުކުރި ކުންފުނިތަކާ އެކު ޝަރުތުތަކަށް އެއްބަސްނުވެވުމުން، އަލުން ޑިސެމްބަރުގައި އިއުލާންކުރި އެވެ.

އޭގެ ފަހުން، ހިދުމަތް ދިނުމުގައި ހިމެނޭ ބައެއް ކަންކަމަށް ބަދަލު ގެނެސް މިދިޔަ ޖުލައި މަހު އަލުން ވަނީ އިއުލާންކޮށްފަ އެވެ. 

މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ބުނީ ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އަންނަ ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ހެލިކޮޕްޓަރުގެ ހިދުމަތުގެ ދަށުން ކުރަން ޖެހޭނެ ކަންކަން ވެސް އެ އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ. އެއީ؛

  • ހެލިކޮޕްޓަރުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުން. 
  • ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސާޗު އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި އެހީވުން. 
  • ވިޔަފާރިގެ އުސޫލުން ފަސިންޖަރުން އުފުލަން ޓޫރިޒަމްގެ ދާއިރާގައި ހެލިކޮޕްޓަރު ބޭނުންކުރުން.

ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ކުރިން އިއުލާނުކުރުމުން ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތައް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 36 ކުންފުނިން ޝައުގުވެރިކަން ފާޅުކުރި އެވެ. ނަމަވެސް ސާޗް އެންޑް ރެސްކިޔު އާއި އަދި މެޑިކަލް އިވެކުއޭޝަންއަށް ހިލޭ އެހީގެ ގޮތުގައި ނަގާ ބައި ބޮޑުކަމަށް ހުރިހާ ފަރާތްތަކުންވެސް ބުނެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކުރިން ވަނީ ވިދާޅުވެފަ އެވެ.

ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށް 2024 ގައި، ޑޭޝް 8 ގެ މަތިންދާބޯޓަކާއި ސީޕްލޭނެއް ވެސް އެއާ އެމްބިއުލާންސެއްގެ ގޮތުގައި ރާއްޖޭގައި ބޭނުންކުރަން ވަނީ ފަށައިފަ އެވެ.