އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައި ނުދީ، އެ ސިޓީގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް ކުރިމަތި ނުލައްވާނެ ކަމަށް އައްޑޫގެ ޕީއެންސީގެ މޭޔަރު ކެންޑިޑޭޓު މުޝްރިފު އަލީ ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި މުޝްރިފް ވިދާޅުވެދެއްވީ އައްޑޫގެ މިއަދުގެ ހާލަތެވެ. ކާން ތިއްބާ ވެސް ކަރަންޓު ކެނޑޭ ކަމާއި ނިދާފަ އާއި ފާހަނާގައި ތިއްބާ ވެސް ކަރަންޓު ކެނޑޭ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެެއްވި އެވެ.

އެއީ ވަރަށް ކަންބޮޑުވާ މައްސަލައެއްކަން ފާހަގަކޮށް، މުޝްރިފް ވިދާޅުވީ، އައްޑޫން ކަރަންޓު ކެނޑެން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ބޭނުންވާ ވަރަށް ކަރަންޓު ނުއުފެއްދޭތީ ކަމަށެވެ.

މުޝްރިފް އޭނާގެ ސަޕޯޓަރުންނާ އެކު.
މުޝްރިފް އޭނާގެ ސަޕޯޓަރުންނާ އެކު.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ  އިންޖީނުގެ އަށް 13 މެގްވޯޓުގެ ކަރަންޓު ބޭނުންވި ނަމަވެސް އެ ތަނުގެ ހާލަތު ހުރީ ވަރަށް ދަށްކޮށްކަން އޭނާ ފާހަގަކުރެއްވި އެވެ.

މުޝްރިފް ވިދާޅުވީ، ގިނަ އިންޖީނުތައް މަސައްކަތް ކުރަނީ 30 ނުވަތަ 40 ޕަސެންޓު ނަމަވެސް އިންޖީނުތަކަށް ކުރަންޖެހޭ ހަރަދުތައް ބަރާބަރަށް ކުރަން ޖެހޭ ކަމަށެވެ.

"ވަރަށް ފަހުން ވެސް މުޅި ރަށުން ކަރަންޓު ކަނޑައިގެން ދިޔަ. ކޮންމެވެސް ބޯޑެއްގެ ތެރެއަށް މީދަލެއް ވަދެގެން. އޭގެ މާނައަކީ ރަނގަޅަށް އަހަރުމެންނަށް މި ތަންތަން އަދި ވެސް ރަނގަޅަށް ނުބެލެހެއްޓޭކަން،" މުޝްރިފް ވިދާޅުވި އެވެ.

މުޝްރިފް ކެމްޕޭނުގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި އައްޑޫ ރައްޔިތުންނާއެކު.--
މުޝްރިފް ކެމްޕޭނުގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި އައްޑޫ ރައްޔިތުންނާއެކު.--

މުޝްރިފް ވިދާޅުވި ގޮތުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ސަޕްލައިގެ ހާލަތު ވެސް ވަރަށް ދަށެވެ. އޭގެ އެއް ސަބަބަކީ އެ ރަށްތަކުގެ މަގުތައް ހެދި ދުވަސްވަރު ކޭބަލަށް ލިބިފައިވާ ގެއްލުންތަކެވެ. 

"އަދި މަގުތަކުގައި ހުރި ޓްރާންސްފޯމަރުތައް ވެސް ވަނީ ވަރަށް ބޮޑަށް އައުޓްޑޭޓެއް ވެފައި،" އޭނާ ވިދާޅުވި އެވެ.

މުޝްރިފް ވިދާޅުވީ، ކަރަންޓަކީ އަސާސީ ހައްގެއް ކަމަށް ވާއިރު، ރައްޔިތުންނަށް އެ ހިދުމަތް ހޯދައިދިނުމަކީ ސިޓީގެ ވެރިމިހާގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.

އެކަމަކު، އައްޑޫގެ މިހާރުގެ މޭޔަރު އަލީ ނިޒާރު އެމްޑީޕީގެ ސުޕަމެޖިޓީއާ އެކު ފަސް އަަހަރުގެ ވެރިކަމެއް ނިންމާލެއްވިިއިރު،  މުޝްރިފް ވިދާޅުވި ގޮތުގައި، އާރާއި ބާރު އޮވެ އެކަމަށް ދާއިމީ ހައްލެއް ނުލިބެނީ ކީއްވެތޯ އައްޑޫގެ ކޮންމެ ރައްޔިތަކު ވެސް ސުވާލު ކުރަން ޖެހެ އެވެ.

އޭނާ ދެއްވި ޔަގީން ކަމަކީ މި ފަހަރުގެ މޭޔަރު ކަމަށް އިންތިހާބު ކޮށްދީފި ނަމަ އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދައިނުދީ ދެން އޮތް ދައުރަށް ކުރިމަތި ނުލައްވާނެ ކަމެވެ.