ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުން ފެށިގެން ހުޅުވާލަން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މި ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހާއްސަ އިސްކަންދޭ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ"ގެ ދަށުން ފްލެޓަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީހު އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ހެނދުނު 11:00 އަށް މިހާރު ލަސްކޮށްފައިވާ ކަމަށެވެ. އެ ކެޓަގަރީއަށް ފޯމު ހުށަހަޅަން ހުޅުވާލާ ގޮތަށް ކުރިން ނިންމާފައި އޮތީ މާދަމާ އިން ފެށިގެންނެވެ.
ހައުސިން މިނިސްޓްރީން މީގެ ކުރިން އާންމުކުރި "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު"ގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކި ކެޓެގަރީއެއް ހާއްސަކޮށްފައިވެ އެވެ. ނަމަވެސް އޭރު އުސޫލު އޮތްގޮތުން ޖެހެނީ ނުކުޅެދުންތެރިކަން ހުންނަ ބައިގައި ހަމައެކަނި ފާހަގައެއް ޖަހާލާށެވެ.
ނަމަވެސް މިދިޔަ މަހު މިނިސްޓްރީން އުސޫލަށް ގެނައި ބަދަލުގައި ވަނީ ބޯހިޔާވަހިކަމަށް ޝަރުތު ހަމަވުމަށް ބަލާ މުއްދަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޑަކޮށްދީފަ އެވެ.
ބޯހިޔާވަހިކަން ދޭން ސަރުކާރުން މި ފަހަރު ކަނޑައެޅި އާންމު ޝަރުތަކީ މާލެ ސަރަހައްދުގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރު ވުމެވެ. ނަމަވެސް އުސޫލަށް ގެނައި ބަދަލާ އެކު، މާލޭގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިލެވޭނެ އެވެ.
އޭގެ އިތުރުން އެމީހެއްގެ ނުކުޅެދުންތެރި ކަމަކަށް މާލެއިން ހިދުމަތް ހޯދަން ދަތުރުކުރަން ޖެހުމާއި ހިދުމަތް ހޯދުމަށް މާލެއަށް ބަދަލުވެފައިވާ މީހުންނަށް ވެސް ފޯމު ހުށަހެޅޭނެ އެވެ.