ހުޅުމާލޭގެ 901 އަކަފޫޓަށް ވުރެ ބޮޑެތި ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު އިސްލާހުކޮށް އާންމުކޮށްފި އެވެ.
މިދިޔަ ސަރުކާރުގައި ވެސް ވަނީ ހުޅުމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ބަދަލު ގެނައުމަށް ވާހަކަތަކެއް ދެކެވިފަ އެވެ. އެކަމަކު އޭރު އެގޮތަށް ބަދަލުކޮށްފައެއް ނުވެ އެވެ.
ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން އާންމުކޮށްފައިވާ ގަވާއިދުގައިވާ ގޮތުން ނެއިބަހުޑް ނުވައެއް ފިޔަވައި އެހެން ހުރިހާ ގޯތިތަކެއް އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 30.5 މީޓަރެވެ. އެއީ 10 ފްލޯ އެވެ.
އެކަމަކު އެގޮތަށް އިމާރާތްކުރުމުގެ ހުއްދަ ދޭނީ އިމާރާތުގެ ފަންގިފިލާތައް ބޭނުންކުރާނެ ގޮތުގެ މަތިން ކަމަށް ވެސް ގަވާއިދުގައިވެ އެވެ.
ހުޅުމާލޭގައި މިހާރު އަމިއްލަ ފަރާތްތަކަށް އެންމެ އުސްކޮށް ވެސް އިމާރާތް ކުރެވެނީ ހައެއްކަ ފްލޯއަށެވެ.
ނެއިބަހުޑް 9 ގައި އެންމެ އުސްކޮށް އިމާރާތް ކުރެވެނީ 18.5 މީޓަރަށެވެ. އެ ތަނުގައި ހަދާ އިމާރާތްތަކުގައި ލިފްޓް މެޝިންރޫމް އަދި އެ ނޫން ވެސް 18.5 މީޓަރު މައްޗަށް އިމާރާތުގެ ބައިތައް އެރި ނަމަވެސް، ވައިގެ ބަނދަރުގެ ސަލާމަތީ މިންގަނޑުތަކަށް ބަލައި މުޅި އިމާރާތުގެ އުސްމިން 22 މީޓަރަށް ވުރެ އުސްވެގެން ނުވާނެ ކަމަށް ގަވާއިދަށް ގެނައި އިސްލާހުގައި ވެ އެވެ.
އިމާރާތުގެ އުސްމިން ކަމުގައި ބަލާނީ ޕޭވްމަންޓް ލެވެލް ނުވަތަ ގްރައުންޑް ލެވެލް އިން ފެށިގެން ސްޕްރިން ލައިން ނުވަތަ ރޫފްބީމްގެ މަތީ ކައިރިއާ ހަމައަށެވެ. އަދި ޓެރަހެއް ހަދާ ނަަމަ، ޓެރަސް ސްލެބް ނުވަތަ ޑެކުގެ މަތީކައިރިޔާ ހަމައަށެވެ.
އިމާރާތުގެ އުސްމިން ބެހެއްޓޭނެ މިންވަރުގެ ތަފްސީލު
- 400 އަކަފޫޓަށް ވުރެ ކުޑަ ނަމަ އެއް ފަންގިފިލަޔަށް ވުރެ އުސްކޮށް ނުވަތަ ހަ މީޓަރަށް ވުރެ އުސްކޮށް އިމާރާތެއް ނުކުރެވޭނެ.
- 401 - 500 އަކަފޫޓާ ދެމެދުގެ ބިމެއް ނަމަ ދެ ފަންގިފިލާ އަށް ވުރެ އުސްކޮށް ނުވަތަ 6.5 މީޓަރަށް ވުރެ އުސްކޮށް އިމާރާތް ނުކުރެވޭނެ.
- 501 - 600 އަކަފޫޓާ ދެމެދުގެ ތަނެއް ނަމަ ތިން ފަންގިފިލާ އަށް ވުރެ އުސްކޮށް ނުވަތަ 9.5 މީޓަރަށް ވުރެ އުސްކޮށް އިމާރާތް ނުކުރެވޭނެ.
- 601 - 700 އަކަފޫޓާ ދެމެދުގެ ތަނެއް ނަމަ 4 ފްލޯ ނުވަތަ 12.5 މީޓަރަށް ވުރެ އުސްނުކުރެވޭނެ.
- 701 -800 އަކަފޫޓާ ދެމެދުގެ ތަނެއް ނަމަ، 5 ފްލޯއަށް ވުރެ ނުވަތަ 15.5 މީޓަރަށް ވުރެ އުސްނުކުރެވޭނެ.
- 801 - 900 އަކަފޫޓު ނަމަ، 8 ފްލޯ ނުވަތަ 24.5 މީޓަރަށް ވުރެ އުސްނުކުރެވޭނެ.
- 901 އަކަފޫޓަށް ވުރެ ބޯޑު ނަމަ 30.5 މީޓަރާ ހަމައަށް އިމާރާތް ކުރެވޭނެ.
އެ ގަވާއިދުގައިވާ ކަންކަން ހިނގާނީ އާންމު ދިރިއުޅުމަށް ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި ހަދާ އިމާރާތްތަކަށެވެ.
ހުޅުމާލެއިން ދޫކޮށްފައިވާ ހުރިހާ ގޯތިތަކަށް ރަޖިސްޓްރީގައިވާ ނުވަތަ އެގްރީަމންޓުގައިވާ މިންތަކަށް ގޯތީގެ އިން ވަކިކުރުމަށް އެޗްޑީސީން ކަޑަ ޖަހައިދޭނެ އެވެ.
ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ފެށުމުގެ ކުރިން ރަޖިސްޓްރީގައިވާ މިންތަކާއި ގޯތީގެ މިންތަކާ ދިމާވެތޯ، ގޯތީގެ ވެރިފަރާތް ނޫނީ އިމާރާތް ކުރާ ފަރާތުން ބަލަން ޖެހެ އެވެ.
ހުޅުމާލޭގައި ގޯތި އިމާރާތް ކުރަން ފަށަންވާނީ އެޗްޑީސީގެ ހުއްދަ ލިބިގެންނެވެ. އެ ހުއްދަ ލިބޭނީ އިމާރާތުގެ ކުރެހުން އެޗްޑީސީއަށް ހުށަހަޅައި ފާސްވުމުންނެވެ.
ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތައް ދޫކޮށްފައިވަނީ އާންމު ދިރިއުޅުމުގެ ބޭނުމަށް ނަމަވެސް އެތަނުގެ އުސްމިނަށް ބަލައި އިމާރާތުގެ ފަންގިފިލާތައް ބޭނުންކުރެވިދާނެ ގޮތްތަކެއް ވަނީ ކަނޑައަޅައިފަ އެވެ.
18.5 މީޓަރަށް ނުވަތަ އެއަށް ވުރެ ތިރިކޮށް ހަދާ އިމާރާތްތަކުގައި ހަދާ ބޭސްމަންޓާއި ތިރީ ފަންގިފިލާ އާއި ފުރަތަމަ ފަންގިފިލާ އާއި މެޒަނިން ފްލޯގައި ދިރިއުޅުން ނޫން ބޭނުންތަކަށް ބޭނުންކުރެވިދާނެ އެވެ. އެކަމަކު 18.5 އިން ފެށިގެން 30.5 މީޓަރާ ހަމައަށް އުސްކޮށް އިމާރާތްކުރާ ތަންތަން އިމާރާތް ކުރެވޭނީ ވަކި ގޮތެއްގެ މަތިންނެެވެ.
18.5 މީޓަރަށް ވުރެ އުސްނަމަ
- ގްރައުންޑް ފްލޯ ޕާކިންނަށް ހާއްސަ ކުރަންޖެހޭނެ.
- ފުރަތަމަ ފްލޯ ހާއްސަ ކުރަންޖެހެނީ ދިރިއުޅުން ނޫން އެހެން ބޭނުމަކަށް.
- ގްރައުންޑް ފްލޯ އާއި ފުރަތަމަ ފްލޯ ދިރިއުޅުމުގެ ބޭނުމަކަށް ހުއްދައެއް ނުދޭނެ.
- 18.5 މީޓަރުން ފެށިގެން 30.5 މީޓަރާ ދެމެދުގައި ހަދާ އިމާރާތްތަކުގައި ބޭސްމަންޓެއް ހިމަނައި އަދި މުޅި ބޭސްމަންޓް ބޭނުންކުރަނީ ޕާކިންނަށް ނަމަ، ގްރައުންޑް ފްލޯ ޕާކިންގެ އިތުރުން ދިރިއުޅުމުގެ އެހެން ބޭނުމަކަށް ބޭނުންކުރެވިދާނެ.
- ފުރަތަމަ ފްލޯ ހާއްސަކުރަންޖެހެނީ ދިރިއުޅުން ނޫން އެހެން ބޭނުމަކަށް. ބޭސްމަންޓުގައި ޕާކިން ހިމެނިޔަސް އިމާރާތުގެ ގްރައުންޑް ފްލޯ އާއި ފުރަތަމަ ފްލޯ ދިރިއުޅުމުގެ ބޭނުމަށް ހުއްދަ ނުދޭނެ. ޕާކިންގެ ގޮތުގައި ބޭސްމަންޓް ބޭނުންކުރަންވާނީ ގޯތީގެ ފުޓްޕްރިންޓަށް ކަނޑައަޅާފައިވާ އޭރިއާއާ އެއްވަރަށް.
ގަވާއިދުގައި ބުނީ އިމާރާތުގެ ތިރީގައި ފިހާރައެއް ފަދަ ތަނެއް ހަދާ ނަމަ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަދަވޭނެ ގޮތަށް ހުންނަން ޖެހޭނެ ކަމަށެވެ.
ގަވާއިދުގައި ވަނީ ދިރިއުޅުމަށް ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އެއްވެސް ބައެއްގައި ނުވަތަ އެއްވެސް ފްލޯއެއްގައި ހުއްދަ ނޫން ކަންތައްތަކެއް ވެސް ހިމަނައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސިނާއީ މަސައްކަތްތަކާއި އަލިފާން ހިފާ ޒާތުގެ ތަކެތި ގެންގުޅެ ރައްކާކުރުމާއި އާންމުންނަށް އުނދަގޫވާވަރަށް އަޑުގަދަވާ ކަންތައްތަކާއި ވަސްދުވާ ކަންތައްތަކާއި ކުނޑި އުފެދޭ ނުވަތަ ތަން ހަޑިވާ ފަދަ މަސައްކަތްތައް ކުރުމާއި ގުދަން ކުރުމަށް ހުއްދަ ނުދެވޭނެ ކަމަށެވެ.
ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި މަސައްކަތް ކުރަން ފެށުމުގެ ކުރިން ވަގުތީގޮތުން ބިން ބޭނުންކުރުމަށް ގަވާއިދު ހުރަހެއް ނާޅަ އެވެ. އެކަމަކު ވަގުތީގޮތުން ބިން ބޭނުންކުރާއިރު ވެސް ސިނާއީ ކަންކަމާއި އަޑުގަދަވާ ކަންކަމާއި ކުނޑި އުފެދޭ އަދި ހަޑިވާ ކަންކަމާއި ގުދަން ކުރުން ފަދަ ކަންކަމަށް ބޭނުމެއް ނުކުރެވޭނެ އެވެ.