މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަކުރުމަށް އަޅަން ފަށާފައިވާ އެއް ފިޔަވަޅެއްގެ ގޮތުން ރާއްޖެ އިން ބޭރަށް ސަރުކާރުގެ ފަރާތުން ކުރާ ދަތުރުތައް މި ވަގުތަށް ހުއްޓާލާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި އޭނާ ވިދާޅުވީ، މިނިސްޓްރީތަކުން އެދުނަސް އެ ބައްދަލުވުމަކާ ގުޅޭ ފަރާތަކުން ހަރަދުކުރާ ދަތުރުތައް ނުވަތަ "ފަންޑެޑް ދަތުރުތައް" ފިޔަވައި އެހެން ހުރިހާ ދަތުރުތައް ހުއްޓާލާފައިވާ ކަމަށެވެ. ދިވެހި ސަރުކާރުން ހަރަދުކުރާ ގޮތަށް ދަތުރުތައް ކުރަން މިހާރު ހުއްދަ ނުދޭ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ. 

ނަމަވެސް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރާއްޖެ އިން ބޭރަށް ކުރައްވަން ބޭނުންވާ ދަތުރުތައް ކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

"ދެން ހުރި ދަތުރުތައް މަޝްވަރާ އަރުވަނީ އޮންލައިންކޮށް ބައިވެރިވުމަށް. އޮންލައިންކޮށް ބައިވެރިވެވޭ މީޓިންތަކުން އޮންލައިންކޮށް ބައިވެރިވުމަށް،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި އޭނާ ވެސް ކޮންމެހެން ރާއްޖެ އިން ބޭރަށް ކުރައްވަން ތާވަލް ކުރެއްވި ދަތުރެއް ކެންސަލް ކުރައްވައި، އެ ހަފުލާގައި އޮންލައިންކޮށް ސޮއިކުރައްވަން ވަނީ ނިންމަވައިފަ އެވެ. 

"އެއީ [އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓު]  އޭޑީއެފްޑީގެ 100 މިލިއަން ޑޮލަރުގެ ރޯލްއޯވާގެ ފައިނަލް ސިގްނޭޗާ އަށް އަޅުގަނޑު އޮތީ ދަތުރުކުރަން. އެކަމަކު މިހާރު އޮންލައިންކޮށް އެ ސިގްނޭޗާ ކަންތައް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނަގަން ޖެހޭ ހުއްދަތައް ނަގައިގެން، އޭޑީއެފްޑީގެ ބޯޑުން ހުރިހާ ކަމެއް ނިންމާފައި އޮތީ،" ޒަމީރު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެ މުހިންމު ހަފުލާ ވެސް ބާއްވާނީ އޮންލައިންކޮށެވެ. 

މިނިސްޓަރު ވިދާޅުވީ، ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ސަރުކާރުން އަޅަނީ ކުރިން އިއުލާންކޮށްގެން ނޫނަސް އެއާ ގުޅޭ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ބައެއް ޕްރޮޖެކްޓުތަކުގެ މުއްދަތު ދަންމައިލުން ފަދަ ކަންކަން ކުރަން ޖެހިދާނެ ކަމަށް ވިދާޅުވި އެވެ. 

މިއަދުގެ މީޑިއާ ބްރީފިންގައި ޒަމީރު ވިދާޅުވީ، އީރާން ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތަށް ރިއާޔަތްކޮށް، ހަރަދު ކުޑަކުރެވޭނެ ދާއިރާތައް ދެނެގަނެ، ދައުލަތުގެ ބަޖެޓުން ރައްކާ ކުރެވޭނެ ދާއިރަތައް ބަލައި، އެކަމުގެ ޕްލޭން ފިނޭންސް މިނިސްޓްރީން ހަފުތާއެއްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅާނެ ކަމަށެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓުމަކަށް އަޔަސް އާންމު ހާލަތަށް ދާން އެންމެ މަދުވެގެން ވެސް ހަތަރު މަސް ދުވަސް ނަގާނެ ކަމަށް އެނަލިސްޓުން ފާހަގަކުރެ އެވެ. އެހެންވެ، މި ހާލަތާ  ގުޅޭ ޕްލޭނެއް ތައްޔާރުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.