ހައި އެޗީވާސް ސްކޮލަޝިޕަށް ގެނައީ ބޭއިންސާފު ބަދަލެއް ކަމަށް، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އޭ ލެވެލްގައި ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ އެއް ސްކޮލަޝިޕަށް ގެނައި ބަދަލާ ގުޅޭގޮތުން، އޭނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދަރިވަރުން ކުރިއަށްދާން އިހުތިޔާރުކޮށްފައިވާ ދާއިރާއާ އެއްވެސް ގުޅުމެއް ނެތް މާއްދާތަކެއްގެ ސަބަބުން އެ ކުދިންގެ ކުރިމަގުގެ ފުރުސަތުތައް ހަނިވެގެން ދިއުމަކީ ކަންބޮޑުުމެއް ކަމަށެވެ. 

އެ ފަދަ ސިޔާސަތުގެ ސަބަބުން ދަރިވަރުންގެ ހަގީގީ ގާބިލިއްޔަތާއި ހުނަރު ވަޒަންކުރުމުގެ ބަދަލުގައި އެ ކުދިންނަށް ކުރިއަށް ދިއުމަށް އޮތް މަގުތައް ބަންދުވާނެ ކަމަށް ވެސް، މިދިޔަ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި އައިޝަތު އަލީ ވިދާޅުވި އެވެ.

މީގެ ނުވަ އަހަރުކުރިން ތައާރަފްކުރި ހައި އެޗީވާސް ސްކޮލަޝިޕް ލިބޭނީ، އޭ ލެވެލްގައި ހުރިހާ މާއްދާއަކުން އޭ ފާސް ލިބިގެންނެވެ. ނަމަވެސް، އެ އުސޫލަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އަލަށް ގެނައި ބަދަލުން، ސްކޮލަޝިޕް ލިބޭނީ މަދުވެގެން އެއް މާއްދާއިން އޭ ސްޓާ ހޯދުމުންނެވެ. 

އައިޝަތު އަލީ ވިދާޅުވީ އެއީ ސްޓްރީމް މާއްދާތަކުން މަތީ ނަތީޖާއާއެކު ސްކޮލަޝިޕް ހޯދަން ގަދައަޅާ މަސައްކަތްކުރާ ދަރިވަރުންގެ ހައްގުތަކަށް އުނިކަން އަންނާނެ، ބޭއިންސާފު ނިންމުމެއް ކަމަށެވެ. 

"މިފަދަ ސިޔާސަތުތަކުގެ ސަބަބުން، ދަރިވަރުންގެ ހަގީގީ ގާބިލިއްޔަތާއި ހުނަރު ވަޒަންކުރުމުގެ ބަދަލުގައި އެ ކުދިންނަށް ކުރިއަށް ދިއުމަށް އޮތް މަގުތައް ބަންދުވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

"​އުއްމީދަކީ، މި ބަދަލުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކަށް ރިއާޔަތްކޮށް، ހުރިހާ ދަރިވަރުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ލިބޭނެ ފަދަ ގޮތަކަށް މި އުސޫލު މުރާޖައާ ކުރެވިގެން ދިއުން."