ހައި އެޗީވާސް ސްކޮލާޝިޕްގެ ދަށުން ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑްގެ އިތުރަށް 6000ރ. ގެ އެލަވަންސެއް ދޭން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ރޭ ވަނީ ރައީސްގެ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕްދޭ އުސޫލަށް ބަދަލުތަކެއް ގެނެސް އުސޫލު އާންމު ކޮށްފަ އެވެ.

ސަރުކާރުގެ ސްކޮލާޝިޕާއި ސްޓޫޑެންޓް ލޯނުގައި ކިޔަވާ ދަރިވަރުންނަށް ކޮންމެ މަހަކު ފައިސާގެ ވަކި އަދަދެއް ހަމަޖައްސައިދެ އެވެ. އެއީ ދަރިވަރުންގެ ކެއުމާއި ޓިއުޝަން ފީ ފަދަ ކަންކަމަށެވެ.

ހަޔާ އެޑިޔުކޭޝަނުން އާންމުކުރި އާ އުސޫލުގައި ބުނެފައި ވަނީ މިހާރު އެ ސްކޮލާޝިޕްގައި ކިޔަވާ ދަރިވަރުންނަށްދޭ ސްޓައިޕެންޑުގެ އިތުރަށް ކޮންމެ މަހަކު 6000ރ. ގެ އެލަވަންސެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެ ފައިސާ ކިޔަވަން ފަށާތާ 10 ދުވަސް ތެރޭގައި ހަމަޖައްސައިދޭނެ ކަމަށާއި ކޯހުގެ އެންމެ ފަހު 10 ދުވަހާ ހަމައަށް އެ ފައިސާ ކޮންމެ މަހަކު ދޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.

ދަރިވަރު ފުރަތަމަ ކިޔަވަން ފަށާ ގައުމުން ކިޔެވުން ނިމި ދެވަނައަށް ކިޔަވަންދާ ގައުމުގައި ކިޔެވުން ފެށުމާ ދޭތެރޭ އޮންނަ މުއްދަތުގައި ސްޓައިޕެންޑުގެ ފައިސާ ހަމަޖައްސައިދޭނީ ގިނަވެގެން ތިން މަހަށް ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.

އެ އުސޫލަށް ދެން ގެނެސްފައިވާ ބަދަލަކީ ސްކޮލާޝިޕް ލިބޭ ޝަރުތެވެ.

ކުރިން ފަސް މާއްދާ އިން އޭ ލިބިގެން ހައި އެޗީވާސް ސްކޮލާޝިޕް ލިބޭ ނަމަވެސް މިހާރު އެ އުސޫލް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން ތިން މާއްދާ އިން އޭ ހޯދައި ދިވެހި އިސްލާމުން އޭ ސްޓާ ހޯދަން ޖެހެ އެވެ. 

ހައި އެޗީވާސް ސްކޮލަރޝިޕް މިހާރު ދެނީ ފުލްޓައިމްކޮށް ކިޔަވާ ދަރިވަރުންނަށެވެ. އެ ސްކޮލާޝިޕް، ބެޗްލާސް ޑިގްރީ އާއި މެޑިސިން އަދި ޑެންޓިސްޓްރީގެ އިތުރުން ބެޗްލާސް ޑިގްރީއާއެކު ފުރިހަމަކުރާ ޕްރޮފެޝަނަލް ލައިސަންސް ޕްރޮގްރާމަތަކަށް ވެސް ސްކޮލާޝިޕްދެ އެވެ.