އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގިއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގާ ފެންނަ ނުފެންނަ ވޯޓު އޮންނަ ދުވަހު މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުން މަނާވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އިންތިހާބާ ގުޅިގެން މަގުމަތީގެ އަމާންކަން ދެމެހެއްޓުމާއި ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ބައެއް ކެޓަގަރީގެ އުޅަނދުތައް ދުއްވުން މަނާކުރާ ކަމަށެވެ. 

ބަރު އުޅަނދުގެ ތެރެއިން މަނާކޮށްފައި ވަނީ C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމެވެ.

މިނިސްޓްރީން ބުނި ގޮތުގައި ހޮނިހިރު ދުވަހު ހެނދުނު 6:00 އިން ރޭގަނޑު 11:00 އާ ހަމައަށް އެ ވެހިކަލްތައް ދުއްވުން މަނާވާނެ އެވެ.

މިނިސްޓްރީން ބުނީ އެ ވަގުތުތަކުގައި މާލެ ސަރަހައްދުގައި އެ ކެޓަގަރީގެ އުޅަނދު ދުއްވުމަކީ އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނުގެ ދަށުން މަނާ ކަމެއް ކަމަށާއި އެފަދަ އުޅަނދު ދުއްވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

އެކަމަކު ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އުޅަނދުތައް އެ ނިންމުމުން އިސްތިސްނާވާނެ ކަމަށް ވެސް ބުންޏެވެ.