ކުރީގެ އުޅަނދުގެ ބަދަލުގައި އާ އުޅަނދެއް ރަޖިސްޓަރީ ކޮށްދެވޭ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ. 

އެ ގަވާއިދުގެ ރ. ގައި އޮންނަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކޮށްދޭނީ އެ އުޅަނދެއް ރަޖިސްޓަރީ ކުރުމަށް ލިޔުންތައް ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަަނދު ބޭއްވުމާ މެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ގަރާޖުގެ ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީއެއް ހުށަހެޅުމުން ކަަމަށެވެ. އަދި އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓަރީ ކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެ ކަމަށް އެ މާއްދާގައިވެ އެެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކޮށްފައިވާ އެ ގަވާއިދަށް ގެނައި އަށް ވަނަ އިސްލާހަކީ ގަވައިދުގެ ހަތަރު ވަނަ މާއްދާގައި ހިމެނޭ ރަޖިސްޓަރީކުރުމުގެ ބައިގެ ރ. ގެ ފަހަތަށް އަކުރެއް އިތުރުކުރުމެވެ. 

އިތުރުކުރި ރ (1) ގައި ބުނީ ރ. ގައި އެގޮތަށް އޮތް ނަމަވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކުން އެ ވިޔަފާރީގެ އަމިއްލަ ބޭނުމަށް ބޭނުންކުރާ ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދެއްގެ ބަދަލުގައި އެހެން އުޅަނދެއް އެ ވިޔަފާރީގެ ނަމުގައި ރަޖިސްޓަރީކުރަން ބޭނުންވެއްޖެ ނަމަ، ލިޔެކިޔުން ހުށަހެޅުމަކާ ނުލާ އެ އުޅަނދެއް ރަޖިސްޓަރީ ކޮށްދެވޭނެ ކަމަށެވެ. 

އެކަމަކު އެގޮތަށް ރަޖިސްޓަރީ ކޮށްދޭނީ އެ ވިޔަފާރިއަކުން ބޭނުންކުރަމުން އައި އުޅަނދު ނައްތާލުމަށް ފަހުގަ އެވެ. ނައްތާލެވޭ އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ޒޯނަށް އާ އުޅަނދު ރަޖިސްޓަރީ ކުރަން ބޭނުންވާ ހާލަތުގައި ޝަރުތުތައް ފުރިހަމަވާން ޖެހެ އެވެ. 

ގަވާއިދުގައި ހިމެނޭ ޝަރުތުތައް: 

  • އުޅަނދު ނައްތާލިކަމުގެ ލިޔުމެއް ހުށަހެޅުން. 
  • ނައްތާލެވޭ އުޅަނދަކީ ވިޔަފާރީގެ އަމިއްލަ ބޭނުމަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށް ވުމާއި އުޅަނދު ނައްތާލުމާ ހަމައަށް ބޭނުންކުރަމުން އައިސްފައިވާ އުޅަނދަކަށް ވުން. 
  • ނައްތާލެވޭ އުޅަނދަކީ ފާއިތުވި ފަސް އަހަރު އެ އުޅަނދުގެ އަހަރީ ފީ ގަވާއިދުން ދައްކަމުން އައި އުޅަނދަކަށްވުން. 

އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު ކުރިން އޮންނަ ގޮތުން އުޅަނދު ރަޖިސްޓަރީ ކުރުމަށް ފޯމު ހުށަހަޅާއިރު، އެ ހިދުމަތާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހުށަހަޅަން ޖެހެ އެވެ.

އޭގެ ތެރޭގައި އުޅަނދު ރާއްޖެ އަށް އެތެރެކުރިކަން އެނގޭނެ ލިޔުމަކާއި އިމްޕޯޓް ޑިއުޓީ ދައްކަން ޖެހޭ އުޅަނދެއް ނަމަ ޑިއުޓީ ދެއްކި ކަމުގެ ލިޔުމާއި ހިދުމަތަށް އެދޭ ފަރާތުގެ އައިޑެންޓިފިކޭޝަނާއި ރޯޑުވާދިނަސް ރިޕޯޓާއި އެއާ އެކު، ހުށަހަޅަންޖެހޭ ކަމަށް ބުނާ ލިޔުންތައް ހުށަހަޅަން ޖެހެ އެވެ.