ބާވެ ހަލާކުވުމުން ނައްތާލަން ބޭނުންވާ ވެހިކަލްތަކަށް ދައްކަން ޖެހޭ ފީތައް ނުދައްކާ އޮއްވައި ރަޖިސްޓްރީ ބާތިލުނުކޮށްދޭ ގޮތަށް އޮތް އޮތުން ސަރުކާރުން ބަދަލުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ނައްތާލަން ބޭނުންވާ އުޅަނދުތަކުގެ އަހަރީ ފީ އާއި ޖޫރިމަނާ ހުރި ނަމަަވެސް އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރެވޭ ގޮތަށް ނިންމާފައިވާ ކަމަށެވެ. އެއީ އެ މިނިސްޓްރީން ބުނިގޮތުގައި ރަޖިސްޓްރީ ބާތިލުކުރުމާއި އުޅަނދުތައް ނައްތާލުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ.

އެގޮތަށް ރަޖިސްޓްރީ ބާތިލުކޮށްދިން ނަމަވެސް، ރަޖިސްޓްރީ ބާތިލުކުރުމާ ހަމައަށް ދައްކަން ހުރި ފީތަކާއި ޖޫރިމަނާތަކަކީ ވެހިކަލްގެ ވެރިފަރާތުން ދައުލަތަށް ދައްކަން އޮތް ފައިސާގެ ގޮތުގައި ދަމަހައްޓާނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

ސަރުކާރުން މި ބަދަލު ގެނެސްފައި މިވަނީ މާލެ ސަރަހައްދުގެ މަގުތަކަށް ދޫކޮށްލާފައިވާ ގިނަ އަދަދެއްގެ ވެހިކަލްތައް ނަގައި ނައްތާލުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ވަގުތެއްގަ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި މާލެއާއި ހުޅުމާލޭގެ މަގުތަކުން ނެގި ގިނަ އަދަދެއްގެ ވެހިކަލްތަކަކީ އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކެވެ.