ރާއްޖެ އާއި ބޭރު ގައުމުތަކުގައި ސްޓޫޑެންޓް ލޯނުގައި މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ލޯނުގައި ޑިގްރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވޭނެ ކަމަށެވެ.

އޭގެ އިތުރުން ޕްރޮފެޝަނަލް ލައިސަންސް ޕުރޮގުރާމުތަކާއި މެޑިކަލް ސްޕެޝަލައިޒޭޝަނާއި މެޑިކަލް ދާއިރާ ފެލޯޝިޕް ޕްރޮގުރާމުތައް ފުރިހަމަކުރުމަށް ވެސް ލޯނު ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސްޓޫޑެންޓް ލޯނަށް ހުޅުވާލުމަށް މިއަދު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުން.-- ފޮޓޯ: ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ
ސްޓޫޑެންޓް ލޯނަށް ހުޅުވާލުމަށް މިއަދު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުން.-- ފޮޓޯ: ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ

ލޯނު ދިނުމަށް ފުރުސަތު ހުޅުވާލާފައި ވަނީ "ނޭޝަނަލް ޓްރޭނިންގް ނީޑްސް ލިސްޓް"ގައި ހިމެނޭ ހައިލީ ޓެކްނިކަލް ދާއިރާތަކާއި އެ ލިސްޓްގައިވާ އެހެނިހެން ދާއިރާތަކަށެވެ. އަދި ޓޮޕްއަޕް ލޯނާއި އިންޓާންޝިޕް ހެދުމަށް ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

"ހުރިހާ ހަރަދެއް ލޯނުގެ ގޮތުގައި ދޭނެ ކަމަށް އިއުލާނުކޮށްފައިވާ ގައުމުތައް ފިޔަވައި އެހެން ގައުމެއްގައި ކިޔެވުމަށް ލޯނު ދޭނީ ލޯނު ލިބުނު ދަރިވަރު އިހުތިޔާރުކުރާ އިއުލާންކުރި ގައުމުގެ ހަރަދާއި، ކިޔަވަންދާން ބޭނުން ގައުމުގެ ހަރަދާއި އަޅާކިޔައި ބެލުމަށް ފަހު ދަރިވަރަށް ހަރަދު ކުޑަކޮށް ކިޔެވޭނެ ގޮތެއްގެ މަތީން، ކިޔަވައި ނިންމުމަށްފަހު އަނބުރައި ފައިސާ ދެއްކުމުގައި ދަރިވަރަށް ތަކުލީފު ކުޑަވާނެ ގޮތަށެވެ،" ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.

ސްޓޫޑެންޓް ލޯނަށް ހުޅުވާލުމަށް މިއަދު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަލީ ހައިދަރު ބައިވެރިވަނީ.-- ފޮޓޯ: ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ
ސްޓޫޑެންޓް ލޯނަށް ހުޅުވާލުމަށް މިއަދު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަލީ ހައިދަރު ބައިވެރިވަނީ.-- ފޮޓޯ: ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ

މި އަހަރު ލޯނު ދިނުމުގައި ގެނެސްފައިވާ ބަދަލުތައް:

  • އެޕްލިކޭޝަން ހުށަހެޅުމަށް ވަކި ސުންގަޑިއެއް ނުބާއްވައި ލޯނަށް އެދުމުގެ ފުރުސަތު މުޅި އަހަރަށް ހުޅުވާލާފައި
  • މި އަހަރު ދޫކުރާނެ ލޯނުގެ އަދަދެއް ކަނޑައެއް ނާޅާ
  • ސްލޮޓް ކަނޑަނާޅައި، ހުޅުވާލައިފައިވާ ދާއިރާތަކާއި ސްލޮޓް ކަނޑައަޅާފައިވާ ދާއިރާތަކާއި އެ ދާއިރާތަކަށް ކަނޑައެޅިފައިވާ ސްލޮޓްގެ އަދަދުތައް އިޢުލާނުންނާއި އޮންލައިން ޕޯޓަލްއިން ސާފުވާނެ
  • ސްލޮޓްކަނޑަ އަޅާފައިވާ ދާއިރާތަކުގައި ބާކީ ހުންނަ ސްލޮޓްގެ އަދަދު އޮންލައިން ޕޯޓަލުން ފެންނާނެ
  • ލޯނު ލިބޭނެ ދަރިވަރުންގެ އަދަދު ވަކި ވަރެއްގައި ހިފެހެއްޓުމުގެ ބަދަލުގައި އެ ދާއިރާތަކުން ކިޔަވާނަމަ ލޯނު ލިބޭނެކަމުގެ ޔަގީންކަން ލިބޭނެ ގޮތަށް ހުޅުވާލުން
  • ކުރިން އޮންނަ "އަލަށް ކިޔަވަން ފަށާ ދަރިވަރުން" ގެ ކެޓެގަރީ އާއި "އޮންގޮއިން" ކެޓަގަރީ މިއަހަރު ނޯންނާނެ
  • އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަން ފަށާފައިވާ ދަރިވަރުންވެސް ލޯނަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ އެއް ކެޓަގަރީއަކަށް
  • ތަފާތުވާނީ އެޕްލިކޭޝަނާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް
ސްޓޫޑެންޓް ލޯނަށް ހުޅުވާލުމަށް މިއަދު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުން.-- ފޮޓޯ: ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ
ސްޓޫޑެންޓް ލޯނަށް ހުޅުވާލުމަށް މިއަދު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުން.-- ފޮޓޯ: ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ

މިނިސްޓްރީން ވަނީ މިއަހަރު އަލަށް ކިޔަވަން ފަށަން ގަސްތުކުރާ ދަރިވަރުން ކިޔަވަން ފަށަށް ތައްޔާރުވެފައި ލޯނަށް އެދި އެޕްލިކޭޝަން ހުށަހަޅުމަށް އިލްތިމާސް ކޮށްފަ އެވެ.

އޭގެ އިތުރުން ލޯނަށް އެދި ހުށަހަޅާއިރު ފުރިހަމަ ކުރުމަށް އެދޭ ޕްރޮގުރާމުގެ ޕްލޭސްމަންޓް އަދި ފީގެ ތަފްސީލް ހުށަހަޅަން ޖެހޭ ގޮތަށް ބަދަލު ގެނެސްފައި ވާއިރު މިނިސްޓްރީން ބުނީ އެއީ އެޕްލިކޭޝަން އަވަހަށް ވަޒަންކުރެވި ފައިސާ ދޫކުރުމުގެ ކަންކަން ނިންމުމަށް އެހެން އަހަރުތަކުގައި ހޭދަވާ ވަގުތަށްވުރެ މާކުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށް އަމާޒު ކޮށްގެން ގެނެސްފައިވާ ބަދަލެއް ކަމަށެވެ.

ލޯނަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާނީ އޮންލައިން ޕޯޓަލް https://kuri.gov.mv މެދުވެރިކޮށެވެ.