މާލޭގެ މަޖީދީ މަގުން މީހަކު ހުރަސް ކުރަނިކޮށް އޭނާގެ ގައިގައި ސައިކަލުން ޖައްސައި ފިލި މައްސަލާގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަނީ މީޑިއާ ކައުންސިލް ހިންގި އިމާރާތް ކުރިމަތީގައި ހުރި ކަފިހުރަހެއްގެ މަތިން މީހަކު ހުރަސް ކުރަމުން ދަނިކޮށް އެ މީހާގެ ގައިގައި ޖެހި، ވެއްޓުމުން ވެސް މަޑުނުކޮށް ސައިކަލުގައި ދާތަނެވެ.
އެ ވީޑިއޯއާ އެކު ފުލުހުން ވަނީ ސައިކަލުގައި ދިޔަ ފިރިހެން މީހާ މާލޭގެ އެކި ސަރަހައްދުތަކުންދާ ސީސީޓީވީ ފޫޓޭޖު އާންމުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާއަކީ މާލޭގެ ޓްރެފިކް އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އޭނާއަކީ ކާކުކަން ދެނެގަނެވިފައިވާ ނުވާ މީހެކެވެ.
އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ނުވަތަ އެކްސިޑެންޓުވި މަންޒަރު ދުށް މީހަކު ހުރި ނަމަ، ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެ އެވެ.