މަސްތުގެ ހާލަތުގައި ތިބެ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސައިކަލު ދުއްވަނިކޮށް ފުލުހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވި މައްސަލައެއްގައި ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު ދޫކޮށްލައި، އެކަކު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އެ މައްސަލާގައި ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލާފައި ވަނީ ހ. ފިލްމީސައިޓް، އަނޫފް ބިން މުހައްމަދު، 21، އާއި ކ. ގާފަރު، މަލަ، އަހުމަދު ޝިނާޒު، 30، ގެ އިތުރުން ސ. ހިތަދޫ، ފެނީވާ، އަހުމަދު މާއިޝް މުހައްމަދު، 21، އެވެ.
އެ މައްސަލާގައި 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައި ވަނީ ހދ. ކުޅުދުއްފުށި، އުއްދަޑިމާގެ، އަބްދުﷲ ސައްމާހް ހަސަން، 20، އެވެ.
އެ އެންމެން މައްޗަށް ވެސް ފުލުހުން ކުރަނީ މަސްތުގެ ހާލަތުގައި ތިބެ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ތުހުމަތެވެ.
ރަށުން ބޭރަށް ދިއުން މަނާކޮށް، އެމީހުން ދޫކޮށްލުމަށް ކުރި އަމުރުގައި ބުނީ އެ މައްސަލައިގައި ހިމެނޭ އެކްސިޑެންޓު ހިނގާފައި ވަނީ އެމީހުން ދުއްވަން އިން ސައިކަލުން ނޫން ކަމަށެވެ. އަދި އެމީހުން ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް ޕީޖީ އޮފީހުން އެދިފައިވާ ކަމަށެވެ.
އަމުރުގައިވާ ގޮތުން އެ މައްސަލާގައި ޕީޖީ އޮފީހަށް ދައުވާކުރުމަށް ފޮނުވާފައިވާއިރު މައްސަލަ ވަނީ ބަލައިގެންފަ އެވެ.
އޭނާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ދުއްވަން އިން ސައިކަލަކުން އެކްސިޑެންޓް ހިނގައި ފުލުހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ. އަދި މެޑިކޯ ލީގަލް ރިޕޯޓުން ލިބިފައިވާ އަނިޔާތައް ވެސް ސާފުވާ ކަމަށް އަމުރުގައިވެ އެވެ.
ސައިކަލު ދުއްވީ ބާރު ސްޕީޑުގައި ނޫން ކަމަށާއި އެއީ އޭނާގެ ރައްޓެއްސެއްގެ ސައިކަލެއް ކަމަށް އޭނާ ކޯޓުގައި ބުނެފައިވެ އެެވެ. އެކަމަކު ފުލުހުންގެ ބަޔާނުގައިވާ ގޮތުން އޭނާ ސައިކަލު ދުއްވާފައި ވަނީ ވަރަށް ބާރު ސްޕީޑެއްގަ އެވެ. އަދި ސައިކަލު ދުއްވިއިރު ތުހުމަތުކުރެވޭ ފަރާތް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ވެސް ބުނެފައިވާ ކަމަށް އަމުރުގައިވެ އެވެ.