ގއ. ވިލިނގިލީގައި ޕާޓީގެ ކެންޑިޑޭޓުންނާ ދެކޮޅަށް ކެމްޕެއިން ކުރާތީ، އެ ދާއިރާގެ އެމްޑީޕީގެ ނައިބު ރައީސް އަމީޒް ހަސަން އެ ޕާޓީގެ ހަރަކާތްތަކުން ވަގުތީގޮތުން މިއަދު އެކަހެރިކޮށްފި އެވެ.
އިދިކޮޅު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމެޓީގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންނާ ދެކޮޅަށް އަމީޒް މަސައްކަތްކުރާ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.
އެހެންވެ، އެކަމުގައި ވަކި ގޮތެއް ނިމެންދެން އެމްޑީޕީގެ މަގާމާއި މަސްއޫލިއްޔަތުތަކާއި ހަރަކާތްތަކުން ވަގުތީ ގޮތުން އަމީޒު އެކަހެރި ކުރަން ފިޔަވަޅު އަޅާ ކޮމެޓީން ނިންމީ ކަމަށް ބުންޏެވެ.
އެ ކޮމިޓީއަށް މައްސަލަ ހުށަހެޅީ ވިލިނގިލި ދާއިރާ ރައީސް ހުސައިން ހަސަން އެވެ. އެ ނިންމުން ނިންމީ ބައްދަލުވުމަށް ހާޒިރުވި ދެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެނގިފައިވާ ގޮތުގައި އަމީޒު ކެމްޕެއިން ކުރަމުން ދަނީ އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށެވެ. އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުންނެވިއަސް، އެ ކެންޑިޑޭޓުން ނެރުމުގައި އިސްކޮށް އުޅުއްވަނީ ވިލިނގިލި ދާއިރާގެ ކުރީގެ މެމްބަރު ސައުދު ހުސެއިނެވެ.