އައްޑޫގެ ގުޅިފައިވާ ރަށްތަކުން ރޭ ދަންވަރު ކަރަންޓު ކެނޑުނު މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ރޭގެ ދަންވަރު 1:45 ގައި ކަރަންޓު ކެނޑުނުއިރު މައްސަލަ ހައްލުކޮށް އަނބުރާ ކަރަންޓު ދިނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

ފެނަކައިން ބުނީ ކަރަންޓު ކެނޑުމަށް ދިމާވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތުގެ ތެރެއިން، އިތުރަށް ތަހުގީގު ކުރަންޖެހޭ ކަންކަން ފާހަގަވި ކަމަށެވެ.

އެއީ ކޮން ކަންތައްތަކެއް ކަން ހާމަނުކުރި ނަމަވެސް ފެނަކައިން ބުނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. 

އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އަޅާ އިންޖީނުގޭގެ މަޝްރޫއު ފެނަކަ ކޯޕަރޭޝަނުން ދުބާއީގެ ކުންފުންޏަކާ މިދިޔަ މަހު ވަނީ ހަވާލު ކޮށްފަ އެވެ.

އެ މަޝްރޫއުގެ ދަށުން އިންޖީނުގޭގައި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ބެލްޖިއަމް ކުންފުންޏެއް ކަމަށްވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭބީސީ)ގެ އިންޖީނުތަކެއް ކަމަށާއި ޔޫރަޕްގައި ބޭނުންކުރާ މި ބްރޭންޑްގެ އިންޖީނުތަކަކީ، މިހާރު އައްޑޫގައި ހުރި ހައި ސްޕީޑް އިންޖީނުތަކާ ހިލާފަށް ލޯ ސްޕީޑް ޒަމާނީ އިންޖީނުތަކެއް ކަމަށް ފެނަކައިން ބުނެފައިވެ އެވެ. 

އެ މައްސަލަ މި ސަރުކާރުގައި ހައްލު ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ.