ރާއްޖޭގެ ލާބަ އާއި މަންފާއަށްޓަކައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ވަކާލާތު ކުރައްވަމުން ގެންދަވާ ސިޔާސީ ލީޑަރުންނަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު، ރައްޔިތުން ދެކޭ ގޮތެއް ހޯދުމަށް މާދަމާ ނަގާ ވޯޓާ ދިމާކޮށް، ވީޓީވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ، މި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވީ، ސިޔާސީ ލީޑަރުންނަށް ވުރެ ގައުމަށް އެންމެ ބޮޑަށް ހެޔޮ އެދޭނީ، އަމިއްލަ އަށް ކުރާ މަސައްކަތުން އެތައް ހާސް ބަޔަކަށް މުސާރަ ދީގެން، ދައުލަތަށް އެންމެ ގިނައިން ޓެކްސް ފައިސާ ދައްކާ ވިޔަފާރިވެރިން ކަމަށެވެ.
މިގޮތުން، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން، ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިން ތާއީދު ކުރައްވަނީ އެހެންވެކަން ގާސިމް ފާހަގަކުރެއްވި އެވެ.
"ދެ އިންތިހާބު އެއްކޮށްލުމަކީ ރައްޔިތެއްގެ އަސާސީ ހައްގަކަށް ނޫނީ މިނިވަންކަމަކަށް އެއްވެސް މިންވަރެއްގެ އުނިކަމެއް އަންނަ ކަމެއް ނޫނޭ،" މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ގައުމުގެ ސިޔާސީ މާޒީއަށް ބަލާއިރު، ރައީސްކަމަށް ވަޑައިގަންނަވާ ބޭފުޅަކު، ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފައްޓަވަނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯއްދެވުމަށް ކަމަށާއި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އެ ސަގާފަތަށް ނިމުމެއް އަންނާނެ ކަން ގާސިމް ފާހަގަކުރެއްވި އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ދައުލަތުގެ ހަރަދުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭނެކަން އެނގި ތިބެ، ބައެއް ބޭފުޅުން މިކަމާ ދެކޮޅު ހައްދަވާތީ، ގާސިމް ވަނީ އެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ގާސިމް ވިދާޅުވި ގޮތުގައި، މިކަމުން ރައްޔިތުންނަށާއި ގައުމަށް ލިބޭނެ ލާބަ އާއި މަންފާ އެނގިތިބެ، މިކަމާ ދެކޮޅު ހަދަމުންދަނީ ހަމައެކަނި ސިޔާސީ މަންފާއެއް ހޯދުމަށެވެ.
އިންތިހާބު އެއްކޮށްލައިގެން ހަރަދު ކުޑަކުރާ ވާހަކަ ދައްކަމުން ސިޔާސީ މަގާމުތައް އިތުރުވާތީ އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ވެސް ގާސިމް ރައްދު ދެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސިޔާސީ މަގާމުތައް ދީގެން ވެރިކަން ދެމެހެއްޓެމުގެ ސަގާފަތް ފެއްޓެވީ މި ސަރުކާރަށް ފާޑުވިދާޅުވާ ބޭފުޅުންނެވެ.
އެއާ އެކު، ގާސިމް ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން، ދައުލަތުގެ ހަރަދު ސަލާމަތްކޮށް، ގައުމުގެ ލާބަ އާއި މަންފާ ހޯދައި ދިނުމުގެ ފުރުސަތު ގެއްލުވައި ނުލަން ރައްޔިތުންގެ ކިބައިން އާދޭހާ އެކު އެދިވަޑައިގެންފަ އެވެ.