މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓުގެ ވޯޓުލުން ހުރިހާ މަރުކަޒުތަކެއްގައި ފެށުނީ 9:30 ހާއިރު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. 

އީސީން އެކްސްގައި 9:19 ހާއިރު ކުރި ޕޯސްޓުގައި ބުނީ އެހާއިރަށް ޖުމްލަ 588 ފޮށީގެ ތެރެއިން 585 ފޮށީގެ ވޯޓުލުން ފަށާފައިވާ ކަމަށެވެ. އަދި ވޯޓުލުން ނުފެށިހުރި މަރުކަޒުތަކަކީ، އެ މަރުކަޒަކަށް ވޯޓުލުން ފެށުމަށް ބޭނުންވާ އާންމުންގެ ދެމީހުން ހާޒިރުނުވާ ތަންތަން ކަމަށް އީސީން ބުންޏެވެެ. 

އެކަމަކު 9:30 ގައި ފަހުން އީސީން ބުނީ ހުރިހާ މަރުކަޒެއްގައި ވޯޓުލާން ފަށާފައިވާ ކަމަށެވެ. 

އެ އިންތިހާބުގައި ވޯޓުލުމަށް އަދި ގިނަ މަރުކަޒުތައް ކައިރީގައި މާބޮޑު ކިޔުތަކެއް ނެތެވެ. އަދި އެހެން އިންތިހާބުތަކަށް ވުރެ މި އިންތިހާބުގައި ވޯޓުލާން ހޭދަވާ ވަގުތު އިތުރުވާކަން ފާހަގަވެފައިވެ އެވެ. 

ތިން އިންތިހާބުގައި 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ. 

ކައުންސިލް އިންތިހާބުގައި 1،592 ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި 1،368 ކެންޑިޑޭޓުން ވާދަކުރެ އެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވާނީ 678 މީހުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 678 މީހުންނެވެ. އެހެންވެ ދެ އިންތިހާބުގައި ޖުމްލަ 1،356 މީހަކު އިންތިހާބުކުރާނެ އެވެ.

ފެންނަ ނުފެންނަ ވޯޓުގައި ޖެހެނީ "އާނއެކޭ" ނުވަތަ "ނޫނެކޭ" ބުނަން ބޭނުންވިޔަސް ކަރުދާހުގައި ޖެހެނީ "ރަނގަޅު" ފާހަގަ ޖަހާށެވެ.