މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި މިހާތަނަށް 185،709 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިިޝަނުން ބުނެފި އެވެ.
އީސީން ބުނީ ހަވީރު 4 އާ ހަމައަށް ވަގުތާ ހަމައަށް ވޯޓުލި 185،709 މީހުންނަކީ 92،567 އަންހެނުންނާއި 93،142 ފިރިހެނުން ކަމަށެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 62.9 ޕަސެންޓެވެ.
އެވަގުތާ ހަމައަށް ވޯޓުނުލަނީ 109،167 މީހުންނެވެ. އެއީ 37 ޕަސެންޓް މީހުންނެވެ.
ހެނދުނު 8:00 އިން ފެށިގެން ހަވީރު 4 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދަން ފުރަތަމަ ނިންމި ނަމަވެސް ކިޔުގައި ގިނަ ބަޔަކު އަދިވެސް ތިބުމާއި މިއަދަކީ ވަރަށް ހޫނު ގަދަ ދުވަހަކަށްވާތީ ހަވީރު 5 ޖެހުމާ ހަމައަށް ވޯޓުލެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވަގުތު އިތުރުކޮށްފަ އެވެ.
އެ އިންތިހާބުގައި ޖުމުލަ 2،961 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެއީ 1،322 ކެންޑިޑޭޓުންނެވެ.
ދެވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންގެ އަދަދަކީ 905 އެވެ. އެމްޑީއޭ އިން 57 މީހުންނާއި ޖުމްހޫރީ ޕާޓީން 15 މީހުންނާއި އަދާލަތު ޕާޓީން ނުވަ މީހުންގެ އިތުރުން ދަ ޑިމޮކްރެޓްސް ޕާޓީން އަށް ކެންޑިޑޭޓުން ވާދަކުރެ އެވެ. އަދި އަމިއްލަ ގޮތުން އެ ދެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 645 އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވާނީ 678 މީހުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 678 މީހުން ހޮވާނެ އެވެ. އެހެންވެ، ދެ އިންތިހާބުގައި ޖުމްލަ 1،356 މީހަކު އިންތިހާބު ކުރާނެ އެވެ.