ނޯތު ހާބަރުގައި އޮތް ބޯޓުގައި ތިބި ފަޅުވެރިން ހޭނެތުނީ އެމީހުން ނިދާފައި ތިއްބާ ޖަނަރޭޓަރަކުން އެރި ދުމުގެ ސަބަބުން ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ. 

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ ބަންދުކޮށްފައިވާ ތަނެއްގައި ޖެނެރޭޓަރެއް ހިންގާފައި ހުއްޓާ، އޭގެއިން ބޭރުވި ދުމުގެ އަސަރު އެތަނުގައި ނިދާފައި ތިބި މީހުންނަށް ކުރުމުގެ ސަބަބުން ކަމަށެވެ. 

މިފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށް ނިދުމަށް ނުވަތަ އަރާމުކުރުމަށް ބޭނުންކުރާ ބަންދު ތަންތަނުގައި ޖެނެރޭޓަރު ފަދަ ވިހަ ގޭސް ބޭރުވާ ތަކެތި ބޭނުންނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކުރި އެވެ.

"ޖެނެރާޓަރުން ބޭރުވާ ދުމުގެ އަސަރު ކުރުމުން ހެއަށް ގޮތްވެ، ފުރާނައަށް ނުރައްކާވާ ހާލަތަކަށް ކަންކަން ދިއުމަކީ އެކަށީގެންވާ ކަމެކެވެ،" ފުލުހުން ބުންޏެވެ. 

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ ހޭނެތިގެން ފަރުވާދިނުމަށް ހަތް މީހަކު އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެ އެންމެނަށް އިމަޖެންސީ ރޫމުގައި ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

ފުލުހުން ބުނީ އެ އެންމެންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ޚަބަރު ހުސްވެފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 6:35 ހާއިރެވެ. ޚަބަރު ހުސްވެފައިވަނިކޮށް ފެނުނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނަކު ކަމަށް ފުލުހުން އޭރު ބުންޏެވެ. 

އެނގިފައިވާ ގޮތުގައި، އެ މީހުން ތިބި ބޯޓަކީ ކުރިން ހއ. އަތޮޅުގެ ރަށްރަށަށް ދަތުރުކުރި "ޑީއެމްއެމްއޭ އެކްސްޕްރެސް 5" އެވެ. މާލެއިން މުދާ ހިފައިގެން މިހާރު ހދ. ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރާ އެ ބޯޓުގައި ހޭނެތިފައި ތިއްބާ ފެނުނު އެންމެންނަކީ ވެސް އެ ބޯޓުގެ ފަޅުވެރިންނެވެ.